"ބްލެކް ވިޑޯ" ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައި އޮއްވައި، އެ ފިލްމުގެ އޯޓީޓީ ރިލީޒްއަކަށް ދިއުމުން ފިލްމުގެ ލީޑް ކާސްޓް ސްކާލެޓް ޖޯހެންސަން ޑިޒްނީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސްކާލެޓް ޑިޒްނީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ފިލްމު ދައްކަން ތާވަލުކޮށްފައި އޮތް ބައެއް ސަރައްހަދުތަކުގެ ސިނަމާތައް ބަންދުކޮށްފައި ހުރުމުން ޑިޒްނީން ފިލްމު ހަމައެކަނި ސިނަމާތަކުގައި ރިލީޒްނުކޮށް، ސްޓްރީމިން ޕްލެޓްފޯމަކުން ވެސް ފިލްމު ފެންނާނެ ގޮތް ހެދުމުން އެގޮތް އޭނާއަށް ކަމުނުދިއުމުންނެވެ.

ސްކާލެޓް ބުނެފައިވާ ގޮތުގައި ޑިޒްނީން އަމަލުކޮށްފައި ވަނީ އެތަނުން ހަދާފައިވާ އެއްބަސްވުމާ ހިލާފަށެވެ. އަދި އެކަމުގެ ސަބަބުން ފިލްމުގެ ޓިކެޓް ވިޔަފާރި ދަށްވެ، ސްކާލެޓަށް ލިބެން ޖެހޭ ފައިސާގެ ބޮޑު ބައެއް ވެސް ގެއްލިފައިވާ ކަމަށެވެ.

މި މައްސަލައަށް ޑިޒްނީން ވެސް ވަނީ ވަރުގަދަ ރައްދެއްދީފަ އެވެ. ޑިޒްނީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖޮހަންސަން ވަރުގަދަ ތަރިއަކަށްވުމުގައި އެ ކުންފުނީގެ ހިއްސާ ވެސް ކުޑައެއް ނުވާނެ އެވެ. މިހާތަނަށް ޑިޒްނީގެ ނުވަ ފިލްމެއްގައި އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ބިލިއަނުން އާމްދަނީ ލިބިފައި ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޑިޒްނީގެ ހޫނު ރައްދަށް ޖޮހަންސަންގެ ގާނޫނީ ޓީމުން އިތުރަށް ރައްދުދީ ބުނީ ކުންފުނިން މިހާރު އުޅެނީ އޭނާގެ އަގު ވައްޓާލަން ކަމަށެވެ.