ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއެކު މިހާރު "ނިއު ނޯމަލް" އަކަށް ރާއްޖޭގެ ހާލަތު ގެނެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިހާރު ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށެވެ. ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ވަޒީރުން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ކެބިނެޓުގެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.

މި އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެ އެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.