ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ އަލުން ފެށުމަށް ނިންމައިފި އެވެ.

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލީ އެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެވެ.

އެޗްޑީސީން ބުނީ މާދަމާއިން ފެށިގެން ހިޔާ ފްލެޓްގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކުގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާނެ ގޮތުގެ ތަފްސީލު އެ ކުންފުނިން މިހާރު ވަނީ އާއްމުކޮށްފަ އެވެ. މީގެ ދަށުން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުރިހާ ޓަވަރެއްގައި ހުރި ފްލެޓުތައް ލިބުނު މީހުންނާ އެ ފްލެޓްތައް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުރިން ކަނޑައަޅާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިމަސައްކަތް އެއްކޮށް ނިންމުމަށެވެ. ނަމަވެސް ބަންދުތަކާއި، ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިމަސައްކަތް އިތުރަށް ވަނީ ލަސްވެފަ އެވެ.

އެ ކުންފުނިން ބުނީ އެކި ސަބަބުތަކަށްޓަކައި އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ ފަރާތްތަކަށް ޚާއްސަ އުސޫލެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދީ އެކަން އަންގާނެ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދިނުމަށް ނިންމާފައިވާ ތިން މަހުގެ މުއްދަތު ގުނަން ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރި ނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ ތިން މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެ އެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހިއަށް ކަރަންޓް ދިނުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 16 ޓަވަރަށް ކަރަންޓް ދިނުމުގެ މަސައްކަތް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6،720 ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.