2019 ވަނަ އަހަރުގެ ފަހުކޮޅު ކޮވިޑް ފެނުނީއްސުރެ މިއަދާ ހަމައަށް މި ބަލިމަޑު ކަމަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފަ އެވެ. ގިނަ ދިރާސާތަކެއް ކުރެވި ގިނަ މައުލޫމާތުތަކެއް އެނގެމުންދާއިރު، މި ބަލިމަޑުކަމުގެ ހަގީގަތު އަހަރުމެންނަށް ދަނީ ފެންނަމުންނެވެ.

އެގޮތުން ދާދި ފަހުން ޗައިނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މިވަނީ ކޮވިޑް -19 އާ ބެހޭ އާ މައުލޫމާތުތަކެއް ހިމެނޭ ދިރާސާއެއް ކޮށްފަ އެވެ.

އެގޮތުން މި ބަލީގައި ހާލު ބޮޑުވުމާއި އެ މީހެއްގެ ލޭގެ ގްރޫޕާ ގުޅުމެއްވާކަން މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވުނު 2،173 މީހުންގެ މެދުގައި ކުރި މި ދިރާސާގައި އަލިއަޅުވާލާފައި ވަނީ ކޮވިޑްގެ ސަބަބުން ހާލު ބޮޑުވި ބަލި މީހުންގެ ލޭގެ ގްރޫޕްތަކަށެވެ.

ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން އޭ ގްރޫޕްގެ ލޭ ހުންނަ މީހުން ހާލު ބޮޑުވެ، އެނދުމަތިކުރުން ގިނައިރު، އޯ ގްރޫޕުގެ ލޭ ހުންނަ މީހުން ބަލީގައި ހާލު ބޮޑުވުން މަދެވެ.

މި ދިރާސާ ކުރެވިފައި ވަނީ ހަމައެކަނި ހާލު ބޮޑުވެގެން އެނދުމަތި ކުރެވުނު މީހުންގެ މެދުގައި ކަމަށް ވާތީ، މި ދިރާސާއަށް ބިނާކޮށް އޭ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ބަލި ޖެހުން ގާތް ކަމަކަށް ނުނިންމޭނެ އެވެ.

ނަމަވެސް ބަހި ޖެހި، ހާލު ބޮޑުވުމުގެ ފުރުސަތު އޭ ގުރޫޕުގެ ލޭ ހުންނަ މީހުންނަށް ބޮޑު ކަމަށް މި ދިރާސާގައި ބަޔާން ކޮށްފައިވެ އެވެ.