ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ހަރަކާތްތެރިވަމުން ދިޔަ ދިވެއްސަކު މަރާލާފައިވާ ކަމަށް ބުނެފި އެވެ.

ސީރިއާ އަދި އަރްމޭނިއާގެ ސިޔާސީ ހަބަރުތައް ކަވަރުކުރުމުގައި އުޅޭ ކެވްރޮކް އަލްމަސިއަން ނަމަކަށް ކިޔާ ނޫސްވެރިއަކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސީރިޔާގެ އަސްކަރިއްޔާއިން ދިން ހަމަލާގައި މަރުވީ އަބޫ އަބްދުލް ރަހްމާން މަލްދީވީ ނަމަކަށް ކިޔާ ދިވެއްސެއް ކަމަށެވެ. ނަމަވެސް އެއީ އޭނާގެ އަސްލު ނަމެއް ނޫން ކަމަށްވެ އެވެ.

ހަމަލާދިން ސީރިއާގެ ސިފައިންގެ މީހާގެ ފޮޓޯ ޓުވީޓާގައި ހިއްސާކޮށްފައި ވީނަމަވެސް މަރުވި މީހާގެ މައުލޫމާތެއް އޭނާ ހިއްސާކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން ވަކ އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި 170 އެއްހާ ދިވެހިން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރެއިން ގިނަ ދިވެހިންނަކީ ސީރިޔާގައި ހިނގާ ހަނގުރާމަތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ މީހުންނެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

ރާއްޖެއިން ބޭރުގެ ހަނގުރާމަ ތަކުގައި ބައިވެރިވަ ދިވެހިންގެ އަދަދު ގިނަ ކަމަށް އެންސީޓީސީން ބުނެފައިވާއިރު، ފަސްޖެހުމެއް ނެތި މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށް 1،400 އަށްވުރެ ގިނަ ދިވެހިން ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ހޯދުމުގެ ގޮތުން ދޭތެރެ ދޭތެރެ އިން ފުލުހުން ދަނީ އެކި ކަހަލަ އޮޕަރޭޝަންތައް ހިންގައި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ސީރިޔާގެ ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި ދިވެއްސަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާދި ފަހުން ގެންގޮސްފަ އެވެ.