ވިލިމާލެ އަށް ބޭނުންވަނީ މިހާރު ދޭ ހިދުމަތްތައް ފުޅާކޮށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުން މާ މުހިއްމުކަމަށް ވިލިމާލޭގެ ރައްޔިތުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ތަރައްގީ ޕްލޭނާ ގުޅިގެން ހިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ހިޔާލު ހުށަހަޅަމުން ވިލިމާލޭގެ ރައްޔިތުން ބުނެފައި ވަނީ ވިލިމާލެގައި މިހާރު ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ވިލިމާލެ ހޮސްޕިޓަލުންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާއި ވިލިމާލޭގެ ސްކޫލު އަދި ޕްރީ ސްކޫލުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންވަނީ އެދިފަ އެވެ.
"ވިލިމާލޭގެ ތަރައްގީ އަށް އެންމެ މުހިންމު އެއް ކަންތައް ކަން ނޭނގޭ އަޅުގަނޑުމެންގެ އަސާސީ ހިދުމަތްތައް އަޅުގަނޑުމެންނަށް ލިބުން. އެ އެއްޗެހި ނުލިބި ކިތަންމެ ބައިވަރު އިމާރާތްތަކެއް އެޅި ކަމުގައި ވިޔަސް އަޅުގަނޑު ގަބޫލު ނުކުރާނަން ވިލިމާލޭގެ ރައްޔިތުންނަށް އެއަކުން ހިތްހަމަޖެހުމެއް ލިބޭނެ ކަމަކަށެއް،" ހިޔާލު ހުށަހެޅި މީހަކު ބުންޏެވެ.
ވިލިމާލޭގެ އެންމެ މުހިއްމު ތަރައްގީ އަކީ އަސާސީ ހިދުމަތްތައް ރަނގަޅު ފެންވަރުގައި ލިބިގެން ދިޔުން ކަމަށާއި އުމްރާނީ ތަރައްގީއެއް ނޫން ކަމަށް ވެސް ގިނަ ރައްޔިތުން ހިޔާލު ފާޅުކުރެއްވި އެވެ.
ވިލިމާލޭގައި ދަތުރުފަތުރުކުރެވޭނެ ރަނގަޅު ނިޒާމެއް ހަމަޖައްސައިދިނުން ވަރަށް މުހިއްމުކަން ފާހަގަ ކުރަމުން ހިޔާލު ހުށަހެޅި މީހަކު ބުނީ ބަގީގެ ހިދުމަތްދޭނެ އިތުރު ފަރާތެއް ނޫންކަމަށާއި މިހާރު އެ ހިދުމަތްދޭ މީހުން ނިޒާމެއްގެތެރެއިން ރައްޔިތުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށް އެ ހިދުމަތްދެވޭނެ އިންތިޒާމެއް ހަމަޖެއްސުންކަމަށެވެ.
"އޭސީ ފެރީ އަށްވުރެން ސާފު ތާހީރު ފެރީއެއް މާ މުހިއްމު،" ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.
ކުޅިވަރު ކުޅެވޭނެ ރަނގަޅު އިންތިޒާމެއް ވިލިމާލެ ރައްޔިތުންނަށް ހަމަޖެހިފައިނެތްކަން ވެސް ވިލިމާލެ ބައެއް ރައްޔިތުން ފާހަގަކޮށްފައިވެ އެވެ.
"އަންހެނުން ކުޅޭނެ ރަނގަޅު ތަނެއް ނެތް ވިލިމާލޭގައި. އަދި ފިރިހެނުން ވެސް ކުޅިވަރު ކުޅޭނެ ރަނގަޅު ތަނެއް ނެތް. ވިލިމާލެ އަށް ބޭނުންވަނީ އުމްރާނީ ތަރައްގީއަށް ވުރެން އަސާސީ ހިދުމަތް ރަނގަޅު ކުރުން،" ހިޔާލު ހުށަހެޅި މީހަކު ބުންޏެވެ.
ވިލިމާލެ ބާބަކިއު ސަރަހައްދަކީ ފައިބަރު މަސައްކަތް ކުރާ ސަރަހައްދަކަށް ވެފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ލިބޭކަން ވެސް ރައްޔިތުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ސަރަހައްދުގައި ވަކި އުސޫލުތަކަކާއި ގަވައިދެއްގެ މަތިން އެ މަސައްކަތް ކުރާނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ވެސް ވިލިމާލެ ރައްޔިތުން އެދިފައިވެ އެވެ.
މީގެއިތުރުން ރައްޔިތުން ބުނީ ވިލިމާލެއަށް ކުނި މެނޭޖްކުރެވޭނެ ރަނގަޅު އިންތިޒާމެއް މުހިއްމުކަމަށާއި ރައްޔިތުން ބޭނުންވަނީ ވިލިމާލެއަކީ އަބަދުވެސް ސާފުކޮށް އޮންނަ ތަނެއްކަމުގައި ހެދުންކަމަށެވެ. އެގޮތުން މަގުތަކުގައި ޑަސްބިން ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރައްޔިތުން އެދިފައިވެ އެވެ.
"ވިލިމާލޭގެ މުނުމަތީގައި މަސްމާރުކޭޓް އެޅު ތާއީދެއް ނުކުރަން. އެހެން ތަނަށްކަން މަސް މާރުކޭޓް އަދި ލޯކަލް މާރުކޭޓް އެޅުމަށް ގޮވާލަން،" ހިޔާލު ހުށަހެޅި އެހެން ބޭފުޅަކު ބުންޏެވެ.
ވިލިމާލެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެތެރޭގައި އެރަށުގެ ގޮނޑުދޮށް ގިރުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ މައްސަލައަށް ހައްލު ހޯދޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށާއި ވިލިމާލޭގެ ފެހިކަން ނުގެއްލޭފަދަގޮތަކަށް ތިމާވެއްޓާއި ރައްޓެހި ތަނެއްގެ ގޮތުގައި ވިލިމާލެ ބޭއްވުންއެއީ ރައްޔިތުން ބޭނުންވާގޮތްކަމަށް ރައްޔިތުން ބުނެފައިވެ އެވެ.
އާންމުންގެ ހިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ބައްދަލުވުން ބާއްވާފައި ވަނީ ވިލިމާލޭގެ އިތުރުން ގަލޮޅުގެ ރައްޔިތުންނަށެވެ. ތާވަލުގައިވާ ގޮތުން މާދަމާ ރޭ މައްޗަންގޮޅި، ބުރާސްފަތި ދުވަހުގެ ރޭ މާފަންނު އަދި ހޮނިހިރު ދުވަހުގެ ރޭ ހެންވޭރުގެ ރައްޔިތުންނާ ސިޓީ ކައުންސިލުން ބައްދަލުކޮށް، އެ އަވަށްތަކުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ހިޔާލު ހޯދާނެ އެވެ.
ބަގީ ޚިދްމަތް މިހާރު ދެނީ ގަބޫލު ކުރެވޭ ފެންވަރެއްގައެއްނޫން. އެ ޚިދްމަތް ފޯރުކޮށް ދިނުން ޝަރުތު ކޮށް އެފަރާތަށް ރައްޔިތުން ގެ ބިމެއް ވަނީ ދީފައި. ވީމާ ދެ ފަރާތް ދެމެދު ކުރެވުނު މުޢަމަލާތް ދެފަރާތުން ބަރާބަރަށް ފުރިހަމަ ނުކުރާނަމަ އެހެން ވިސްނުމަކަށް ދާންޖެހޭ.