ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކަށް ބުރިޖު އަޅަން ނޭނގޭނެ ކަމަށް ވިދާޅުވެ، މިސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލް ފާޑު ވިދާޅުވެއްޖެ އެވެ.
އައްޑޫ އަތޮޅުގެ ހުޅުދޫ އާއި މީދޫ އަދި އަތޮޅުގެ އެހެން ރަށްތަކާ ގުޅާލަދޭނެ ބުރިޖެއް އަޅަން ރައީސް ސޯލިހަށް އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވުމާ ގުޅިގެން ކުރީގެ މިނިސްޓަރު މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ހުށަހެޅުވަން ޖެހޭނީ ކަނޑުގައި ރޮގެއް ދަމާލުން ކަމަށާއި އެމްޑީޕީގެ ސަރުކާރަކަށް ބްރިޖް އަޅަން ނޭނގޭނެ ކަމަށެވެ. އަދި އައްޑޫގެ ހުޅުދޫ އާއި މީދޫގެ ގުޅާލުމަށް ބުރިޖް އެޅުމުގެ ހިޔާލު ހިއްސާކުރަން ޖެހޭނީ ރައީސް ޔާމީންނަށް ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
މަލީހް ވިދާޅުވި ގޮތުގައި ބްރިޖު އެޅުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރި ބަޔަކު ތިބީ ޕީޕީއެމްގައި ކަމަށެވެ.
"ރައީސް އިބޫއަށް ހުށަހެޅުން ވާނީ ކަނޑުގައި ދަމާލެވޭ ރޮގަކަށް. އެމްޑީޕީއަށް ބްރިޖް އަޅަން ނޭގޭނެ. ތިކަމުގެ ތަޖުރިބާ ހުރީ ޕީޕީއެމްގައި. މޭޔަރ ނިޒާރު ތިކަން ރައީސް ޔާމީނަށް ހުށަހަޅުއްވާ ދެއްވާ،" މަލީހް ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.
"އައްޑޫ ވޮއިސް" ނަމުގައި ކުރިއަށް ގެންދާ "ކްލަބު ހައުސް"ގެ ގުރޫޕެއްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނުގައި ވާހަކަ ދައްކަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހުޅުދޫ އާއި މީދޫ އައްޑޫގެ އެހެން ރަށްތަކާ ގުޅާލަދޭނެ ބުރިޖާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ކައުންސިލުން އަދި ވާހަކަ ދެއްކިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލުން ސީދާ ރައީސްއާ ބައްދަލުވުމުން އެކަން ހުށައަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުންގެ ހުޅުދޫ މީދޫ ބުރިޖަށް ނޭދިއްޖެ ނަމަ ތިން ވަނަ ބުރިޖެއް ވެސް އަޅާނީ މާލޭ ސަރަހައްދުގައި، އެއީ ޔަގީންކަމެއް،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި ބުރިޖެއް އެޅުމުގެ ހިޔާލު ސަރުކާރަށް ހިއްސާ ކުރާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވާއިރު ތިލަމާލެ ބުރިޖުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި އެމަސައްކަތް ކުރުމަށްޓަކައި މާލެ ސިނާއީ ސަރަހައްދުގެ ބިން ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރާނެ ކަމަށް ބުނެ އެކި ތާރީހު ދިން ނަމަވެސް މިހާތަނަށް އެކަން ކުރެވިފައެއް ނުވެ އެވެ.
އެހެން ނަމަވެސް މާލެ ސިޓީގެ މޭޔަރު ވަނީ ތިލަމާލެ ބްރިޖާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރޭ ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި ހިއްސާ ކޮށްފަ އެވެ.