ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށާއި އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނުވަ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވުމަށް ފަސް ބޭފުޅެއްގެ ނަންފުޅު އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ހަތަރު ބޭފުޅެއްގެ ނަންފުޅު ވަނީ ފޮނުވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ނަންތައް ފޮނުއްވިއިރު ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާފައި ވަނީ މި ތަރުތީބުންނެވެ.

  1. ޝިހާމް މުހައްމަދު ވަހީދު
  2. އަހުމަދު އާހިދު ރަޝީދު
  3. އަޒްލީމާ އަހުމަދު
  4. މަރިޔަމް އަލީމް

މިބޭފުޅުންގެ ތެރެއިން ޝިހާމް މުހައްމަދަކީ ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަންމަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މޫސާ އެ މަގާމުން އިސްތިއުފާދެއްވި ފަހުން އެ މަގާމު ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މީގެ ކުރިން ވެސް އެ މަގާމަށް އައްޔަންކުރުމަށް ބައެއްގެ ނަންތައް މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވި ނަމަވެސް މަޖިލީހުގެ ކޮމިޓީ މަރުހަލާއިން ފާސްވެފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ފޮނުއްވާފައިވާ ނަންތަކަކީ:

  1. މުޙައްމަދު އާސިފް
  2. ޝަހުދާ އިސްމާއީލް
  3. އަޒްލީނާ އަހުމަދު
  4. އަހުމަދު މަންސޫރު
  5. ހަނީފާ ޚާލިދު

މި މަގާމަށް ފަސް ބޭފުޅެއްގެ ނަން ފޮނުއްވި ނަމަވެސް މަޖިލީހުން ރުހުން ދޭނީ އެއް ނަމަކަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ ކޮމިޝަންގެ މެންބަރުކަމުން މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.