ރޭގަނޑުގެ ކެއުމަކީ ދުވަހުގެ އެންމެ ފަހު ކެއުމަށް ވާއިރު އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ރޭގަނޑުގެ ކެއުމަށްފަހު ހެލިފެލިވެ އުޅޭ މިންވަރު ވަރަށް މަދެވެ. ބުރަ ދުވަހަކަށް ފަހު ރޭގަނޑުގެ ކެއުމާއެކު އަހަރުމެންނަށް ދެވެނީ ހަށިގަނޑަށް އަރާމު ދިނުމަށެވެ.
ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މާހިރުން ބުނެ އެވެ. އެއާ ޚިލާފަށް ރޭގަނޑުގެ ކެއުމަށްފަހު ކޮންމެވެސް ވަރަކަށް ހިނގާލުމަކީ އޭގެ ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭނެ ކަމެކެވެ.
ރޭގަނޑުގެ ކެއުމަށްފަހު މަދު ވަގުތު ކޮޅަކަށް ނަމަވެސް ހިނގާލުމަކީ ހަޖަމު ކުރުމުގެ ނިޒާމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެކެވެ. މިގޮތަށް ހިނގާލުމުން ކާނާ ހަޖަމު ކުރުމަށް ހަށިގަނޑުގައި އުފައްދާ މާއްދާއެއް ކަމަށްވާ ގޭސްޓްރިކް އެންޒައިމްސް އިތުރުކޮށްދީ ހަޖަމު ކުރުން އަވަސް ކޮށްދެ އެވެ.
މީގެ އިތުރުން ރޭގަނޑުގެ ކެއުމަށްފަހު ހިނގުމުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ ސަރުބީ ވިރުވުން އަވަސް ކޮށްދެ އެވެ. ރޭގަނޑުގެ ކެއުމަށްފަހު ހަރަކާތްތެރިވުމެއް ނެތި އޮށޯތުމަކީ ސަރުބީ ޖަހަން މެދުވެރިވާ ކަމެކެވެ.
ހަމައެއާއެކު ރޭގަނޑު ކެއުމަށްފަހު ހިނގުމަކީ ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދީ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ކޮށްދޭނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ބަލިތަކުން ދުރުވެ އެވެ.
މި ހުރިހާ ސަބަބަކަށްޓަކައި ރޭގަނޑު ކެއުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިނގާލުމަކީ އަހަރުމެންގެ ދިރިއުޅުމުގެ އާދައަކަށް ހަދަން ޖެހެ އެވެ.