އއ. ވެލިގަނޑު ރިސޯޓު ކައިރީގައި އޮންނަ މަޑިވަރު ފަޅު ސަރަހައްދަށް ގެއްލުންވަތީ އެރިސޯޓުގެ ފަޅު ހިއްކާ މަޝްރޫއު މަޑުޖައްސާލަން އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.
އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވެލިގަނޑު ރިސޯޓުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ރިޒޯޓުގެ ފަޅުން ބޭރަށް ސެޑިމެންޓް ޕްލޫމް ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް ސެޑިމެންޓްގެ އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައް އެ އޭޖެންސީއަށް ލިބިފައިވާ ކަމަށެވެ.
އެ ސެޑިމެންޓްގެ އަސަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާ، މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލަން އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެ އެވެ. އަދި، ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު، އެމައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.
އީއައިއޭ ހަދައި އީޕީއޭ އިން ހުއްދަ ނަގައިގެން އެ މަސައްކަތް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުން ވާތީ ރަސްދޫގެ ކައުންސިލާއި އެ ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ދެކޮޅަށް މިދިޔަ ދެ ތިން ދުވަހު އެ ރަށުގެ ބައެއް މީހުން މުޒާހަރާ ވެސް ކުރި އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ހިންގާ ކްރައުން ކޮމްޕެނީގެ ވެލިގަނޑު ރިސޯޓުން ފަޅު ހިއްކާ މަޝްރޫއު ފަށާފައި ވަނީ އެ ރިސޯޓުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ އެވެ. އަދި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭނެ ތަންތަން އިމާރާތް ކުރުން ވެސް ހިމެނޭ ކަމަށް ބުނެ އެވެ.
ވެލިގަނޑު ރިސޯޓު ކައިރީގައި އޮންނަ މަޑިވަރު ފަޅު ސަރަހައްދު ސަރުކާރުން ހިމާޔަތް ކުރީ އޮކްޓޯބަރު 7، 2018 ގަ އެވެ.
ހެމާހެޑް ޝާކް، އެންމަޑި، މާހުޅުނބު ލަނޑާ، އަދި ވެލާ ކަހަނބު ފެންނަ މި ސަރަހައްދަކީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގެ ދަށުން 2016 ވަނަ އަހަރު ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ތަނެކެވެ.