ފެންނަ ފެނުމަށް އެއީ ތަފާތު ކުލަތަކަކަށް ވެދާނެ އެވެ. ތަފާތު ޖަރީތަކެކެވެ. ރާއްޖޭގެ ކަނޑުއަޑީގައި އުޅޭ އެކި ޑިޒައިންތަކާއި ކުލަކުލައިގެ މަސްތަކުގެ ރީތިކަން އެ ފޭރާންތަކުން ފެނެ އެވެ. މިއީ ރާއްޖޭގެ އަމިއްލަ ފެޝަން ބްރޭންޑެއް ކަމަށްވާ "މަސް ކުލަ"އިގެ ހިތްގައިމު ޑިޒައިންތަކެކެވެ.
ރާއްޖެއަކީ ކަނޑުއަޑީގެ ދިރުންތަކާއި ރީތިކަމުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ގައުމެކެވެ. ގުދުރަތީ މި ރީތިކަމަކީ މިއަދު ދިވެހި އިގްތިސާދުގެ މައިނާރު ކަމަށް ވެފައިވާއިރު، އެ ރީތިކަމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭނެ ވަސީލަތެއް ނޫންކަން މިހާރު ގިނަ ބަޔަކަށް އެނގެ އެވެ.
ޚަތޫން ރަޝީދުގެ ޚިޔާލުގެ ސަފްހާތަކުން ހަގީގަތަކަށް ހެދި މަސްކުލަ ފެޝަން ލޭބަލްއަކީ ކަނޑުއަޑީގެ ދިރުންތަކުން ޚިޔާލު ލިބިގެން އަސްލަކަށް ހެދި ބްރޭންޑެކެވެ.
އެންމެ ކުޑައިރު ވެސް ސްނޯކްލިން އާއި ޑައިވިންއަށް ލޯބި ޖެހިފައިވާ ޚަތޫންއަށް ކަނޑުއަޑީގެ ހިތްގައިމުކަން ފެނި އެ ޖާދޫގައި ޖެހުނުކަމުގެ އެންމެ ބޮޑު ހެއްކަކީ ދިރިއުޅުން ސްރީލަންކާއަށް ބަދަލު ކުރުމަށްފަހު ވެސް ކަނޑުއަޑީގެ ދިރުންތަކުން ޚިޔާލު ހޯދައި، އޭނާގެ އަމިއްލަ ފެޝަން ލޭބަލެއް ފެށުމެވެ.
ވަރަށް އާދައިގެ ގޮތަކަށް އަތުން ކުރަހައި ފަހައިގެން ވިއްކަން ފެށި ބީޗް ދަބަހުގެ ވިޔަފާރި ފުޅާވެ، މިއަދު މިވަނީ ފާހަގަ ކޮށްލެވޭ ފަދަ މަޝްހޫރު ވިޔަފާރިއަކަށް ވެފަ އެވެ.
ޚަތޫން ބުނި ގޮތުގައި މަސްކުލައިގެ ކޮންމެ ޑިޒައިނަކީ ވެސް ކަނޑުއަޑީގެ ދިރުމެއް ސިފަވާ ގޮތަށް ތައްޔާރު ކޮށްފައިވާ ޑިޒައިނެކެވެ. ބޭނުންކޮށްފައިވާ ކުލަތަކަކީ ވެސް ކަނޑުއަޑީގެ ރީތިކަން ސިފަވާ ގޮތަށް ބޭނުންކޮށްފައިވާ ކުލަތަކެކެވެ. ކޮންމެ ފޭރާމަކުން ވެސް ދައްކައިދޭނީ ތަފާތު މަންޒަރެކެވެ. ބުނެދޭނީ ތަފާތު ވާހަކަތަކެކެވެ.
"ކޮންމެ އެއްޗެއް ވެސް އިންނާނީ މަހެއްގެ ޕެޓާން އަސްލަކަށް ބަލައިގެން ހަދާފައި. ބޭނުންކޮށްފައި ވެސް ހުންނާނީ އެއާ ގުޅޭ ކުލަތައް،" ޚަތޫން ބުުންޏެވެ.
މަސް ކުލައިގެ ޑިޒައިންތަކަކީ މިއަދު ރާއްޖޭގެ ރިސޯޓުތަކުންނާއި ސުވެނިއާ ޝޮޕްތަކުން އާއްމުކޮށް ފެންނާނެ ޑިޒައިންތަކެކެވެ. މަސް ކުލައިގެ މަސައްކަތް ފަށައިގަނެގެން މިވީ ހައެއްކަ އަހަރުގެ ތެރޭގައި އާއްމުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ލިބޭ ސަޕޯޓަކީ މިކަމުގައި ކުރިއަށް ދިއުމަށް ޚަތޫންއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.
"މި ޕެންޑަމިކް ތެރޭގައި ލިބޭ އޯޑަރުތައް މަދުވެފައިވީ ނަމަވެސް ފުދޭވަަރަކަށް އޯޑަރު ލިބޭ،" ޚަތޫން ބުންޏެވެ.
މަސް ކުލަ ހިންގުމުގެ އިތުރަށް ޚަތޫންއަކީ ކޮލަމްބޯގެ އާސިރި ސާޖިކަލް ހޮސްޕިޓަލުގެ އިންޓަނޭޝަނަލް ބިޒްނަސް ޑިވެލޮޕްމަންޓްގެ މޯލްޑިވިއަން މާކެޓާ ހަވާލުވެގެން ހުރި އިސްވެރިޔާ އެވެ. ތިން ކުދިންގެ ޒިންމާދާރު މަންމަ އެކެވެ. މިހުރިހާ ޒިންމާތަކަކާއެކު ވެސް ޚަތޫން ދަނީ މަސް ކުލަ ފެޝަންގެ އެންމެ އުހަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ލިބޭ އެންމެ ބޮޑު ފަސޭހައަކީ ކުދިން އިންޑިޕެންޑަންޓް ވުން. އެހެންވީމަ ވަޒީފާއަށް ދަމުން ވެސް މިކަމަށް ވަގުތު ހުސް ކުރެވޭ،" އޭނާ ބުންޏެވެ.
ބީޗް ކޮންސެޕްޓްގެ އެކި ފޭރާންތަކާއި ދަބަސްތައް މިވަގުތު މަސްކުލައިގެ ޕޯޓްފޯލިއޯގައި ހުރިއިރު އިތުރު ޑިޒައިންތައް ތައާރަފުކޮށް ވިޔަފާރި ފުޅާ ކުރުމަކީ ޚަތޫންގެ ބޮޑު މަންޒަރެވެ.
މި މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން އޭނާ ބުނީ އުފެއްދުމުގެ މަސައްކަތްތަކަކީ އެންމެ އުނދަގޫ މަސައްކަތްތައް ކަމަށެވެ. މަސް ކުލަ ބްރޭންޑްގެ ހުރިހާ މަސައްކަތްތަކަކީ ވެސް އަތުން އުފައްދާ ތަކެއްޗަށްވުމުން، އުފެއްދުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުކަން ޚަތޫން ފާހަގަ ކުރެ އެވެ.
"ޚަރަދުތައް ބޮޑުވީމަ އަގު ވެސް ބޮޑު ވާނެތާ؟ އެހެންވީމަ މާކެޓް ވެސް ހޯދަން ބައެއް ފަހަރު އުނދަގޫވޭ،" އޭނާ ބުންޏެވެ.
މަސް ކުލަ މިއަދު އައިސްފައި އޮތް ހިސާބަށް އާދެވުމުގައި ޚަތޫންގެ އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަ ކުރި އެވެ. ޚާއްސަކޮށް މަންމައާއި އާއިލާގެ އެހެން މެމްބަރުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބޭ އެހީތެރިކަން އޭނާ ފާހަގަ ކުރީ އުފަލާ އެކީގަ އެވެ.
"ފެށުނީއްސުރެ މަންމަގެ ފަރާތުން ވަރަށް ބޮޑު އެހީތެރި ކަމެއް ލިބޭ. ފަށައިގަތް އިރު ވެސް އެންމެ ގާތުގައި ހުރީ މަންމަ،" އޭނާ ބުންޏެވެ.
ޚަތޫން ފަދަ ކަނބަލުންނަށް މުޖުތަމައުގައި ހިތްވަރުދީ، އައްސަރިބަހާ ސާބަސް ދޭން ޖެހެ އެވެ. ދިވެހިންގެ އަމިއްލަވަންތަކަމާއި އުފެއްދުންތެރިކަން ކުރިއެރުވުމުގައި އެފަދަ މީހުންގެ ހިއްސާ ފާހަގަކުރަން ޖެހެ އެވެ.
ޚަތޫންއަށް އެދެނީ އިތުރު ކާމިޔާބީ އެވެ. މަސް ކުލަ ފެޝަން ލޭބަލްއަށް އެދެނީ އިތުރު ފާގަތި ކަމާއި ކުރި އެރުމެވެ. ފެޝަންގެ ދުނިޔޭގައި ރާއްޖެ ރަމްޒުކޮށްދޭ ލޭބަލްއަކަށް މަސް ކުލަ ވެގެން ދިއުމަކީ އަޅުގަނޑުމެން އެންމެންގެ އުއްމީދެވެ.