އަންހެނުންނަކީ އާންމު ދިރިއުޅުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ގޭތެރޭގެ މަސައްކަތާއި ދަރިންގެ ކަންތައް ބަލަހައްޓަމުން އޮފީސް މަސައްކަތުގައި ވެސް ވަކި ދޫދެނީއެއް ނޫނެވެ. މާ ބިޒީކޮށް މަސައްކަތް ކުރުމުގެ ތެރޭގައި އަމިއްލަ ސިއްހަތަށް ވެސް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވޭތަން އާދެ އެވެ. އެހެންކަމުން ގޭތެރޭގެ މަސައްކަތާއި ދަރިންގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ފިރިހެނުންގެ އެއްބާރުލުން އެބަ ބޭނުންވެ އެވެ.

ދާދި ފަހުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދަރިންނަށް ވުރެ ބޮޑަށް އަންހެނުންނަށް ސްޓްރެސް ލިބެނީ ފިރިންގެ ފަރާތުންނެވެ. ދިރާސާގައި ބައިވެރިވި 7،000 އަންހެނުންގެ ސްޓްރެސް ލެވެލް އުޅެނީ 10 އަކުން ބަލާ ނަމަ އެވްރެޖްކޮށް 8.5 ގައި އެވެ. އަދި މީގެ ތެރެއިން 46 އިންސައްތަ އަންހެނުން ބުނަނީ މިއީ ދަރިންނަށްވުރެ ބޮޑަށް ފިރިންގެ ފަރާތުންލިބޭ ސްޓްރެސް ކަމުގަ އެވެ. އަދި މި އަންހެނުން ސިފަކޮށްފައިވާ ގޮތުގައި ފިރިމީހާ އަކީ "ބޮޑު ދަރިއެކެވެ".

ގިނަ އަންހެނުން ގަބޫލުކުރާގޮތުގައި އަދިވެސް ދަރިން ބެލުމުގެ އެންމެ ފުރިހަމަ ޒިންމާ އެޅެނީ ބައްޕައިންނަށް ވުރެ ބޮޑަށް މަންމައިންގެ ބޮލުގަ އެވެ. ފިރިންގެ އެހީތެރިކަމަކާއި ނުލާ ދަރިންގެ ގިނަ ކަންތައް ކޮށްދެމުން ގޭތެރޭ މަސައްކަތް ކުރަންޖެހުމުން އުނދަގޫވާކަމަށް މި އަންހެނުން ބުނެ އެވެ.

އެހެން ނަމަވެސް ފަހުން ކުރެވުނު ދިރާސާ ތަކުން ދައްކާގޮތުގައި ފިރިހެނުން ވެސް ގޭތެރޭ މަސައްކަތުގައި އަންހެހުންނަށް އެހީތެރިވުމުގައި ބައިވެރިވާ މިންވަރު މިވަނީ މި ފަހަކަށް އައިސް އިތުރުވެފަ އެވެ. އަދި އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ފިރިހެނުން ދަރިންގެ ތަރުބިއްޔަތާއި އަނބިންނަށް އެހީތެރިވީ ނަމަވެސް، އެކަން ބަލައިގަންނަ މީހުން މަދެވެ.