ރާއްޖެއިން އާއްމުކޮށް ނުފެންނަ ނުރައްކާ ބާވަތެއްގެ ބޯވައެއް ކަމަށްވާ ބްލޫރިންގްޑް އޮކްޓޮޕަސް ކައިރި ނުވުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން އިލްތިމާސްކޮށްފި އެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓް އިން ބުނީ ރާއްޖޭން ފެނިފައިވާ ބްލޫރިންގްޑް އޮކްޓޮޕަސްއަކީ ސައިޒުން ކުޑަ އަދި ރީތި ނަމަވެސް ވިހަގަދަ ބޯވައެއް ކަމަށެވެ. އެ ސޮރުމެން އުފައްދާ ނިއުރޯޓޮކްސިނަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ވިހައެއް ކަމަށް މެރިން ރިސާޗްއިން ބުނެފައިވެ އެވެ.
އެ ވައްތަރުގެ ބޯވައަށް ނުރައްކާ އޮތް ކަން އިހްސާސްވުމުން ވަށްބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލައްތަކެއް ހަންގަނޑަށް އަރުވައި، ވިހަ މާއްދާއެއް ބޭރުކުރާ ކަމަށާއި އެއީ އިންސާނުންގެ ހިއްސުތަކާ ބެހޭ ނާރަށް ހަމަލާދޭ ވިހައެއް ކަމަށް މެރިން ރިސާޗްއިން ބުނެ އެވެ.
މި ބާވަތުގެ ބޯވައިގެ ނުރައްކާ ކިޔައިދެމުން އެމްއެމްއާރުއައި ބުނީ ނިއުރޯޓޮކްސިންއިން ވިހަވުމާއެކު ބޯ އެނބުރުމާއި ހޮޑުލަވާގޮތްވުމާއި ހިތް ހުއްޓުން ފަދަ ކަންކަން ދިމާވާ ކަމަށެވެ. ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާ ކަމަށެވެ.
މި ބާވަތުގެ ބޯވައިގައި ހިފައި އޭގައި އަތް ނުލާ ހެދުމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މަސްވެރިކަންކުރަން އުޅުމުގެ ތެރޭގައި އެން ދަލުގައި މި ބާވަތުގެ ބޯވައެއް ޖެހިފައި އޮތްނަމަ އެން ނަގަން އުޅުމުގައި ވެސް މި ބޯވައިގައި ނުޖެހުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ. އަދި ބަލާލަން ރީތި މި ބޯވަ ޓޭންކުތަކުގައި ގެންގުޅުން ރައްކާތެރި ނޫން ކަމަށް ވެސް އެ އިންސްޓިޓިއުންޓުން ބުނެ އެވެ.
އެހެންކަމުން މި ވައްތަރުގެ ބޯވައެއް ފެނުނަސް އަތްލައި ނުހެދުމަށާއި ބަލާލަން ރީއްޗަސް ހިފައި، ޓޭންކްތަކުގައި ވެސް ނުގެންގުޅެން މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކުރެ އެވެ.
ބޯވައިގެ ވިހައިގެ އަލާމާތެއް އިހްސާސް ކުރެވިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދަން ވެސް އެދިފައިވެ އެވެ.
ބްލޫރިންގްޑް އޮކްޓޮޕަސް ދަތް އަޅައިފި ނަމަ ހަށިގަނޑުން ވިހައިގެ އަސަރު ފިލަންދެން ވެންޓިލޭޓަރަށް ލާން ޖެހޭނެ އެވެ. އާއްމު ގޮތެއްގައި އެ ވިހައިގެ އަސަރު ފިލަން ނަގާނީ 24 ގަޑިއިރެވެ.