ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހާ މިއަދު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އަބޫ ޖަހުލަށް ހެދިގޮތަށް ހަދަންޖެހިދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދިން މީހާ މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރ. މީދޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ރައީސް ނަޝީދު މިވަގުތު ވެސް ހުންނެވީ މެއި ހަވަނަ ދުވަހު އެމަނިކުފާނަށް ދިން ހަމަލާއަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގަ އެވެ.

ރައީސް ނަޝީދު ވަނީ ހަމަލާއަށް ފަހު ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވާ ކަމަށް ވިދާޅުވެ، މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ރައީސް ނަޝީދު އެ ސިޓީގައި ވިދާޅުވެފައި ވަނީ ހަމަލާ ރާވާ ހިންގި ފަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަހުގީގު ނިމި، އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރީގައި ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކާއި އަދި އެމަނިކުފާނު ވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.