ހިޔާ ފްލެޓްގެ ލިފްޓްގައި މައްސަލަޖެހިގެން ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުން މެދުކަނޑާލުމަށް ފަހު އަލުން މިއަދު ކަރަންޓް ދިނުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ހިޔާ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމާ އެޗްޑީސީން އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެންގުމާ ގުޅިގެން މާދަމާ އެ ދެ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެ ޓަވަރުން ފްލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެން ދާނެ ކަމަށެވެ.

"އެ ބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް މި ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓްގެ ތަޅުދަނޑިއާއެކު ޓަވަރުތަކަށް ވަޑައިގަތުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް،" ސްޓެލްކޯ އިން ބުންޏެވެ.

ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގަ އެވެ.

ސްޓެލްކޯ އިން ބުނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް 9:00 އިން 5:00 އަށް ކަމަށެވެ.