އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އޭނާއަށް ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމުނުން، އެ ނިންމުން މުރާޖައާކުރެއްވުމަށް ހުށަހެޅުއްވި މައްސަލާގައި ޖަވާބެއް ލިބުން ލަސްވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ހުށަހަޅުއްވައިފި އެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ މި މައްސަލަ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީއާއި އެމްޑީޕީގައި އިންނަ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހެޅުމުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް މިހާރު އެންމެ 30 ދުވަހަށްވެފައިވާ ކަން ފާހަގަ ކުރައްވައި މަހްލޫފް ވިދާޅުވީ މިހާރު އެ މައްސަލަ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
"އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށައެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް މިއަދު މައްސަލަ ހުށައަޅައިފިން،" މަހުލޫފު ވިދާޅުވި އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މެއި 29 ގަ އެވެ. އެހެންނަމަވެސް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރެރިސްޓް ހަމަލައާ ގުޅިގެން އިންތިހާބު ވަނީ ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ.
އެ އިންތިހާބުގައި މަހުލޫފް ކުރިމަތިލައްވާފައި ވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ. އެގޮތަށް ނިންމީ މަހުލޫފްގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.
މިކަމާ ގުޅިގެން މީގެ ކުރިން މިނިސްޓަރު މަހުލޫފު ވިދާޅުވީ ގައުމީ މަޖިލީހުގައި ވަޒީރެއްގެ ހައިސިއްޔަތުން އިނދެވިފައި، އެ އިންތިހާބުގައި ވާދަނުކުރެވުނީމާ ހަމައެއް ނުޖެހޭ ކަމަށާއި އެ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްޑީޕީން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދި މަރުތަކުގެ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާ ގުޅުން ހުންނަ މީހަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމާފަ އެވެ.
މަހުލޫފްގެ މައްޗަށް ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމުގެ މައްސަލަ ޕީޖީ އޮފީހުގައި އޮތްއިރު މަހުލޫފް ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފިނަމަ ދައުލަތް އޮރިޔާންވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.