މީހުން ބިނާކުރުމަކީ، ގައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގު ބޮޑު ރައުސްމާލެއް ކަމަށާއި އެކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިގޮތަށް ގޮވާލައްވާފައިވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ސޯލިހު ވަނީ މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްގީކޮށްގެން، ގައުމުގެ ތަރައްގީގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަ ޕްލޭންއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ޕްލޭނަކީ ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި މި މާސްޓަ ޕްލޭނަށް ޢަމަލުކުރަން ފެށުމުން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އެއާއެކު ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް، ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން، މާސްޓަ ޕްލޭނެއް އެކުލަވައިލެވޭ މިއީ ފުރަތަމަ ފަހަރުކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއަދު އިފްތިތާހުކުރި މާސްޓަ ޕްލޭންގެ އަމާޒާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ޕްލޭންގެ މައިގަނޑު އަމާޒަކީ ސަރުކާރުން މިހާރު ރަށްރަށުގައި ހިންގަމުންދާ ތަރައްގީގެ ގިނަ މަޝްރޫޢުތައް ނިމޭއިރު، މިއިން ކޮންމެ މަޝްރޫޢަކާ އެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށެވެ. އަދި މި ޕްލޭންގެ ހަގީގީ މަގުސަދަކީ ޖިންސީ ހަމަހަމަކަމާއެކު، ރާއްޖޭގައި ތިބި ފަންނީ ހުނަރުވެރި ދިވެހި ޒުވާނުންނަށް އެ ފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްގީކޮށް، ހަޔާތުގެ ޢަމަލީ މައިދާނުގައި އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަ ޕްލޭންގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ވަރަށް ގިނަ ފައިދާތަކުގެ މައްޗަށް ވެސް ރައީސް ސޯލިހުގެ ވާހަކަފުޅުގައި މިއަދު ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ފަންނީ ވަޒީފާތަކަށް، ތަމްރީނު ލިބިފައިވާ ދިވެހީން ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް، މިމާސްޓަ ޕްލޭންގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެކަމަށާއި، ފަންނީ ވަޒީފާތަކަށް ގެންނަ ބިދޭސީންގެ އަދަދު ވެސް ދަށަށް ދާނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވި އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލެއް ލިބެން ފަށާނެ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން މި ޕްލޭންގެ ސަބަބުން މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ ތަރައްގީ ލާމަރުކަޒުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ވެސް، ވަރަށް މުހިންމު މަސައްކަތެއް ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮވިޑްގެ ވަބާއިން ކުރިމަތިވި އިގްތިސާދީ ދަތިތަކުގެ ތެރޭގައި ވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެން ވިޔަސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުން ކަމަށް ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތައް އެބަހުރިކަމަށާއި، އޭގެ ތެރެއިން ވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަންޖެހިފައިވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާ އެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށްޓަކައި މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީ އާއި ޕްރޮފެޝަނަލް ކައުންސެލިން، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލްޝިޕްތައް ހިމެނޭ ގޮތަށް، މާސްޓަސް ފެންވަރުގެ 30 ސްކޮލަޝިޕްގެ ފުރުސަތު، ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.