ދުނިޔެއަކީ އެނބުރޭ ވަހުތާނެކޭ ބުނާތީ އަޑު އަހަމެވެ. ވަގުތާއި ހާލަތު ހީނުކުރާ ގޮތްގޮތަށް ބަދަލުވެދާނެ އެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދިރިއުޅުން އެފުށް މިފުށަށް ޖެހި މިސްރާބު ބަދަލުވެދާނެ އެވެ.

މިއީ އެފަދަ ވާހަކަ އެކެވެ. މިހާރު ޖާމަނީގެ ލެއިޕްޒިގްގައި ޑެލިވަރީ ބޯއިއެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ ސައީދު އަހްމަދު ޝާހު ސާދަތުއަކީ މީގެ ކުރިން އޭނާގެ އަމިއްލަ ގައުމުގައި މިނިސްޓަރެއްގެ މަގާމުގައި ހުރި މީހެކެވެ. ބަސްހިނގާ ސަރުކާރުގެ ކެބިނެޓް މެމްބަރެކެވެ.

އައިޓީ އެންޑް ކޮމިއުނިކޭޝަން މިނިސްޓަރެއްގެ ގޮތުގައި ސާދަތު އަފްޣާނިސްތާނުގެ ސަރުކާރާ ގުޅުނީ 2018 ވަނަ އަހަރު އޭރުގެ ރައީސް އަޝްރަފް ޣާނީގެ ޒައާމަތުގަ އެވެ. ނަމަވެސް ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދި އޭނާ އިސްތިއުފާ ދިނީ 2020 ވަނަ އަހަރު އެވެ.

ސާދަތު ޖަރުމަނަށް ދިރިއުޅުން ބަދަލު ކުރީ އޭގެ ފަހުންނެވެ. ނަމަވެސް މާލަހެއް ނުވެ އަތްމަތި ދަތިވެ މާލީ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ނަތީޖާއަކަށްވާ އާމްދަނީއެއް ހޯދުމަށް ޖަރުމަނުގެ ފުޑް ޑެލިވަރީ ސާވިސްއެއް ކަމަށްވާ ލެއިފެރާންޑޯގައި ޑެލިވަރީ ބޯއީއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަން ޖެހުމެވެ.

ސާދަތުގެ މި އާ ދިރިއުޅުން ފުރަތަމަ ފާހަގަވީ ޖަރުމަނުގެ ނޫސްވެރިޔަކަށެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި ސާދަތު ފެންނަނީ އޮރެންޖް ކުލައިގެ ޓީޝާޓެއްގައި ބައިސްކަލެއް ދުއްވަނިކޮށެވެ. ދައުރުވަމުންދާ ފޮޓޯތަކަކީ ސާދަތުގެ ފޮޓޯތަކެއްކަން ޚުދު އޭނާ ޔަގީން ކޮށްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސާދަތުއަކީ އޮކްސްފޯޑް ޔުނިވާސިޓީއިން މާސްޓާސް އޮފް ކޮމިއުނިކޭޝަން އާއި މާސްޓާސް އޮފް އިލެކްޓްރިކް އިންޖިނިއަރިން ހާސިލްކޮށްފައިވާ މީހެކެވެ.