ތިލަމާލެ ބްރިޖް މަޝްރޫއު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަކީ ރާއްޖޭގެ ތަރައްގީ ހުއްޓުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހިންގާ އެންމެ ބިޔަ ތަރައްޤީގެ މަޝްރޫޢުކަމަށް މިސަރުކާރުން ބުނާ ތިލަމާލެ ބުރިޖްގެ މަސައްކަތް ކުރުމަށް އިއްޔެ ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އާ ހަވާލުކޮށްފަ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލުކުރި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުން އިންޑިއާގައި ބްރިޖެއް އަޅާތާ 17 އަހަރު ވެފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ޓުވީޓްކުރައްވަމުން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ބްރިޖްތައް އަޅަން އިންޑިއާ ކުންފުންޏަކަށް ދިނުމަކީ ރާއްޖޭގެ ތަރައްގީ ހުއްޓުވާލުން ކަމަށެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 2023 ވަނަ އހަރާއި ހަމައަށްދާއިރު މުޅި ބްރިޖް މަޝްރޫއު ނުނިމުނު ނަމަވެސް ތިލަމާލެ ބްރިޖު މަޝްރޫއު ހުޅުވާނީ ބައިބަޔަށް ކަމަށް ވިދާޅުވެފަ އެވެ.
ހޮޓަލް ޖެންގައި އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ދިވެހި ދައުލަތުގެ އެންމެ އިސް ފަރާތް ކަމަށްވާ ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެފައި ނުވާތީ އެކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ. އަދި ބުރިޖް އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ވަޒީރު ފެންވަރުގެ ބޭފުޅަކު ސޮއި ނުކުރުމުން ވެސް ބްރިޖާ މެދު ސުވާލު އުފެދޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގްރޭޓާ މާލޭ ސަރަޙައްދު އެއް ވިއުގާއަކުން ގުޅާލުމަކީ ރައީސް ސޯލިހުގެ އެންމެ މުހިއްމު ރިޔާސީ ވައުދުފުޅެވެ. މި މަޝްރޫއުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެ އެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދީފައިވެ އެވެ.