އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވަދަކުރެވޭ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމުކޮށް، ލިސްޓަށް ޝަކުރާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 25 ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި 730 ކެނޑިޑޭޓުން ވާދަކުރާނެ އެވެ.

އެމްޑީޕީން ބުނެފައި ވަނީ އާންމުކުރި އެޕާޓީގެ އިންތިޚާބުގައި ވާދަކުރެވޭ ކެނޑިޑޭޓުންފެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ ހޯމަ ދުވަހުގެ ހަވީރު 4.00 އެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސިޓީގެ އަސްލު، އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 9.00 ން ހަވީރު 4.00 އަށް ސެކްރެޓޭރިއެޓްގެ 2 ވަނަ ފަންގިފިލާއިންނެވެ. އޮންލައިންކޮށް ހުށަހަޅުއްވާ ފަރާތްތަކަށް މިއަދުން ފެށިގެން ސުންގަޑި ހަމަވަންދެން [email protected] އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ފުރުސަތު ވަނީ ދީފަ އެވެ.

އެމްޑީޕީގެ މިއިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދޭނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށްކަމަށް އެޕާޓީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންގައި ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދައިރާތަކުގައި ބެހެއްޓިގެންދާނެ އެވެ.