އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލައި ތައްޔާރުކުރަމުންދާ ޕެޓިޝަނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑު ބޭބެ ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވައިފި އެވެ.

ބަރުލަމާނީ ނިޒާމްގެ ޕެޓިޝަން ރައީސް ސޯލިހްގެ ބޭބޭފުޅު މޫސާ ސޯލިހު ސޮއިކުރައްވާފައިވާކަން އިއުލާނުކޮށްފައިވަނީ މިޕެޓިޝަން ކަންކަމުގައި އިސްކޮށް އުޅުއްވާ އެއް މެމްބަރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ.

އެމްއޭސީއެލްގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ޕެޓިޝަންގައި ސޮއި ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯ ހިއްސާ ކުރައްވަމުން މެމްބަރު ފިރުޝާން ވިދާޅުވީ ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުމަކީ ސަރުކާރާއި ދެކޮޅު ކަމެއް ނޫން ކަމަށެވެ.

"ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމަކީ ސަރުކާރާއި ދެކޮޅު ކަމެއް ނޫން ކަން ތަކުރާރުކޮށް ދަންނަވަން،" ފިރުޝާން ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި ސޮއިކުރުން މިހާރު ކުރިއަށް ގެންދަނީ އެމްޑީޕީގެ ހަރުގޭގަ އެވެ. އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ތެރެއިން 14 މެންބަރަކު ވަނީ ޕެޓިޝަންގައި ސޮއިކުރައްވާފަ އެވެ.

މި ޕެޓިޝަނަކީ އެމްޑީޕީއިން ކުރާ ކަމެއް ނޫން ކަމަށް އެޕާޓީގެ ޗެއާޕާޝަން ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރުން މެނިފެސްޓޯގައި އޮތް ކަމަށް ބުނަމުންދާ ވާހަކައަށް ރައްދު ދެއްވާ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫންކަމަށެވެ. އަދި ނިޒާމު ބަދަލުކުރާނެ އެކަން ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގަ އެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާ މުހިންމު ކަމަށެވެ.