މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރަހީނުކޮށްގެން ކަމަށް އެ ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގާޒީއަކު ވިދާޅުވެއްޖެ އެވެ.

މިގޮތަށް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބެލުމަށް އެންމެ ފަހު ކުރިމިނަލް ކޯޓުގައި އެކުލަވާލި ބެންޗުގައި ހިމެނޭ ގާޒީ ހުސައިން ފާއިޒު އެވެ.

މި އޯޑިއޯގައި ރައީސް ޔާމީނަށް ޙުކުމްކުރި ގާޒީ ހުސައިން ފާއިޒާއި އެހެން ދެ މީހަކު ވާހަކަދައްކާ އަޑު އިވެ އެވެ.

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޒީ ފާއިޒު ވިދާޅުވެފައި ވަނީ އެ ހުކުމާ ހަމައަށް ވާސިލުވި ތިން ގޮތުން އެއްގޮތަކީ ރަހީނުކުރުން ކަމަށެވެ.

ހަމައެކަނި ރަހީނުކުރެވޭނީ އޭނާ ރަހީނުކޮށްގެން ނޫން ކަމަށާއި އަނބިމީހާ ރަހީނުކޮށްގެން ވެސް ރަހީނު ކުރެވިދާނެ ކަމަށް ފާއިޒު ވިދާޅުވާ އަޑު އިވިގެންދެ އެވެ.

ގާޒީ ފާއިޒު އިތުރަށް ވިދާޅުވީ ނުހައްގުން ކުރި ހުކުމެއްގައި ރައީސް ޔާމީން ޖަލުގައި އޮންނަވައިފި ނަމަ އެ މަނިކުފާނުގެ ތާއީދު ދާނީ އިތުރުވަމުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ހުރިހާ ކަމެއް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ފާއިޒު ވިދާޅުވެ އެވެ. އަދި އެ ނިންމުމުންކުރާ ފައިދާ 2023 ވަނަ އަހަރުގައި ފެންނާނެ ކަމަށް ވެސް ފާއިޒު ވިދާޅުވެ އެވެ.

އެ ހުކުމަކީ މަގާމު ގެއްލިދާނެތީ ބިރުން ކުރެއްވި ހުކުމެއްތޯ ސުވާލުކުރުމުން ޖަވާބުގައި ފާއިޒު ވިދާޅުވެފައި ވަނީ މަގާމު ގެއްލިދާނެތީ އޭނާ ބިރުނުގަންނަ ކަމަށެވެ. އަދި އެ ހުކުމަކީ ރައީސް ޔާމީނުގެ މަސްލަހަތަށް ކުރި ހުކުމެއް ކަމަށް ވެސް ފާއިޒު ވިދާޅުވެ އެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގި ޝަރީއަތް ކުރިއަށްގެންދެވި ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑުކޮށްފައިވަނީ ޝަރީއަތް ނިންމައި ހުކުމްކުރުމާ ހަމައަށް ވާސިލުވި ފަހުންނެވެ.

އެ މައްސަލާގައި ފަހުން ހުކުމްކުރީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އެ ބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އެހުކުމް ހައިކޯޓުގައި ޔާމީން އިސްތިއުނާފު ކުރެއްވުމުން އެކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ހައިކޯޓުގެ ހުކުމް ޔާމީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަންނަ މަހު ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ފަށަން ވަނީ ތާވަލުކޮށްފަ އެވެ.