ބޮލީވުޑްގެ ތަރި އަރްމާން ކޮހްލީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފި އެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އަރްމާން ހައްޔަރު ކުރުމުގެ ކުރިން ވަނީ އޭނާ ޖޫހޫގައި ދިރިއުޅެމުންދާ ގެ ބަލާ ފާސްކޮށްފަ އެވެ. އަދި އެތަނުން އެމީހުންނަށް ޑްރަގް ފެނިފައިވާ ކަމަށް އެންސީބީން ވަނީ ބުނެފަ އެވެ.
އެންސީބީ މުމްބާއީ ޒޮނަލް ޔުނިޓްގެ ޑިރެކްޓަރު ސަމީރު ވެންކަޑޭ ބުނިގޮތުގައި އަރްމާންގެ ގެއިން ވަނީ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެއީ ވަރަށް މަދު އަދަދެއް ކަމަށެވެ. އަތުލައިގަތް މަސްތުވާ ތަކެއްޗަކީ ސައުތު އެމެރިކާ އިން ގެނެސްފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި އެކަމާ ގުޅުންހުރި ހުރިހާ ދިމާއަކުން އިންވެސްޓިގޭޝަން ކުރިއަށް ދާކަމަށްވެސް އޭނާ ބުންޏެވެ.
2018 ވަނަ އަހަރު އަރްމާންގެ އޭރުގެ ލޯބިވެރިޔާ ނީރޫ ރަންދާވާއަށް އަނިޔާކުރި މައްސަލައެއްގައި ވެސް އޭނާ ވަނީ ހައްޔަރު ކޮށްފަ އެވެ. ފަހުން ނީރޫ ވަނީ ދައުވާކުރަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
އަރްމާން އާންމުންނަށް އެނގިގެން ދިއައީ "ބިގްބޮސް 7" ގައި ވާދަކުރި ފަހުންނެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޖާނީ ދުޝްމަން، ޕުރެމް ރަތަން ދަން ޕަޔޯ ހިމެނެ އެވެ.