ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި ގުޅިގެން ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވިކަމުގެ ތުހުމަތުތައް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދޮގުކުރައްވައިފި އެވެ.

އަލީ ޒާހިރު މިކަން ދޮގުކުރެއްވީ މިއަދު ރައީސް އޮފީހުގައި ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީގެ މަޖިލީހުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މަޖިލިސް މެންބަރުން ފާހަގަކުރައްވާފައި ވަނީ ޝަރީއަތުގައި ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުންގެ އޯޑިޔޯއެއް ލީކުވެފައިވާކަން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެތުރެމުންދާ އޯޑިއޯއާމެދު ސަރުކާރުން އެއްޗެއް ނުބުނަނީ އެ އޯޑިޔޯގައި ދެކެވޭ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވާތީ ކަމަށެވެ. އަދި އެ އޯޑިޔޯތަކުގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ. އަދި ރައީސް ޔާމީނުގެ ޝަރީއަތް ވަކި ގޮތަކަށް ގެންދިއުމަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް އޮފީހުން ހުކުމްތައް ލިޔާކަމުގެ ވާހަކަތައް ފެތުރުނު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީ މިނިވަންކަމާއެކު މަސައްކަތް ގެންދަން ފުރުސަތުދީފައި އޮންނަ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިއޯހުރި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި އަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިއޯއެއް އޮތްނަމަ މީޑިއާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފަ އެވެ.

މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި ޗީފް އޮފް ސްޓާފް ފާހަގަކުރެއްވި އެވެ.

އަލީ ޒާހިރު މިފަދައިން ވިދާޅުވި ނަމަވެސް މިހާރު ލީކުވެފައިވާ އޯޑިއޯތަކުގައި އަލީ ޒާހިރު ރައީސް ޔާމީންނަށް ހުކުމް އިއްވި ގާޒީއަކާ ބައްދަލުކުރެއްވި ކަމަށް ބުނެފައިވެ އެވެ. އަދި ވަކި ގޮތަކަށް ކަންތައްތައް ކުރެއްވުމަށް އަލީ ޒާހިރު ގާޒީ އަލީ ރަޝީދާ އަންގަވާފައިވާ ކަމަށް ވެސް އެ އޯޑިއޯތަކުގައި ބުނެފައިވެ އެވެ.