މަނީލޯޑަރިންގެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މައްސަލައިގެ ތަހުގީގު އަދިވެސް ފުރިހަމަ ނުވާ ކަމަށް އެ މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

މުއައްވިޒު މިހެން ވިދާޅުވެފައި ވަނީ މިހާރު ސޯޝަލް މީޑިއާގައި ލީކުވެފައިވާ އޯޑިއޯއެއްގައި އެވެ.

އޯޑިއޯގައި މުއައްވިޒު ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްސަލާގައި ހެކިބަސް ދިނުމަށް އޭނާއަށް ފިއްތުންތަކެއް ކުރިމަތި ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ހިންގި ތަހުގީގު އެކީ ނިމިފައި ނުވާކަން ފާހަގަ ކުރައްވަމުން މުއައްވިޒު ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީ ފައިސާ ކަމުގައި ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މިމައްސަލާގައި ހެކި ބަސް ނެގުމުގައި މައްސަލަތަކެއް ހުރިކަން މުއައްވިޒު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން މުއައްވިޒު ފާހަގަކުރެއްވީ އެ މައްސަލައިގެ ތަހުގީގަށް އިނގިރޭސިވިލާތުގައި ތިބި ބައެއްގެ ހެކިބަސް ނެގިފައި ނުވާ ކަމަށެވެ. އަދި ޓޫސްޓް ވިސާގައި އިނގިރޭސިވިލާތަށް ގޮސް ހެކިބަސް ނެގި ނަމަވެސް އެއީ ސައްހަ ތަހުގީގެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

އޭގެ އިތުރަށް މުއައްވިޒު ވިދާޅުވީ މީހެއްގެ އެކައުންޓު ނަންބަރު އެނގޭނަމަ އެމީހަކަށް ނޭނގި އެމީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރި ޗެކު ހިފައިގެން ދިޔަ މީހާއާއި އެ ޗެކުގައި ސޮއިކުރި މީހާ ވެސް ހުރީ އިނގިރޭސިވިލާތުގައި ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

މުޢައްވިޒު އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތުގައި ތިބީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ހަގީގީ މުޖުރިމުން ކަމަށެވެ. އެ މީހުންނަށް ހިމާޔަތް ދިނުމަށްފަހު ރައީސް ޔާމީނަށް ދައުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވެސް އޭނާ ވާހަކަދެއްކެވި އެވެ.

މުއައްވިޒުގެ އޯޑިއޯއެއް ފެންމަތިވެފައިވާއިރު، ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ އޯޑިއޯ ވެސް ވަނީ ހާމަވެފަ އެވެ. އެ އޯޑިއޯތަކުގައި ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަމުގައި އެ ބޭފުޅުން ވިދާޅުވެ އެވެ.

އެ އޯޑިއޯތަކާ ގުޅިގެން ޖޭއެސްސީން ފެށި ތަހުގީގުގައި އެ ފަނޑިޔާރުން ވަނީ އެއީ އަސްލު އޯޑިއޯއެއް ނޫން ކަމަށާއި، އެ އޯޑިއޯއިން އިވޭ ޒާތުގެ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ވިދާޅުވެފަ އެވެ.