ވެރިކަމަށް އައުމަށްޓަކައި ތަރައްގީގެ ވާހަކަ ދައްކައިގެން ދެ ވަނަ ފަހަރަށް ވެރިކަމަށް އާދެވުނު ވެރިޔަކު ނެތް ކަމަށާއި ކެމްޕޭނުތަކުގައި ގެންގުޅޭ އުކުޅުތައް ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިންހިއްކައި، އެއާޕޯޓް އަޅައި، ފްލެޓްއަޅައި އަދި ބްރިޖް ފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގައިގެން ދެވަނަ ފަހަރަށް ރައީސްކަމަށް ވަޑައިގެންނެވުނު ބޭފުޅެއް ނެތް ކަމަށެވެ. އަދި ވައުދުވާން ގެންގުޅޭ އުކުޅުތައް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ގާތްގުޅުމެއް އޮންނަ މޫސަ މިހެން ވިދާޅުވިއިރު މި ސަރުކާރުން ހިންގާ އެންމެ ބޮޑު ތަރައްގީ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގައި ވަނީ ސޮއި ކޮށްފަ އެވެ. އަދި މި ދައުރުގައި އެއްކޮށް ނުނިމުނަސް ބްރިޖްގެ ބައިތައް ނިމޭވަރަކުން ހުޅުވަމުންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރަކީ މިފަދަ ގިނަ ވައުދުތަކެއް ވެވަޑައިގެން ވެރިކަމަށް އައި ސަރުކާރަކަށްވާއިރު މި ސަރުކާރުން ވެފައިވާ އެއްވެސް ވައުދެއް ފުއްދިފައިނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.