މިއީ ދިވެހިންގެ ކެއުމުގައި އާއްމުކޮށް ބޭނުންކުރާ މޭވާ އެކެވެ. އިހު ދިވެހިންގެ ދިރިއުޅުމުގައި ބަނޑު ކެއުމެއްގެ ގޮތުގައި ނަން މަޝްހޫރު ބާވަތެކެވެ. ދައްކަން މިއުޅެނީ ދޮންކޭލުގެ ވާހަކަ އެވެ. ރޮލަށް ކެއުމުގެ އިތުރުން ދޮންކެޔޮ ވެފައި ވަނީ ދިވެހިންގެ ފޮނި ކާތަކެތި ހެދުމުގައި މުޙިއްމު އެއްޗަކަށެވެ. އާދައިގެ މަތިން އަޅުގަނޑުމެން ބޭނުންކޮށް އުޅޭ މި މޭވާގެ އެތައް ގިނަގުނަ ފައިދާތަކެއްވެ އެވެ. ސިއްޙަތަށް ފައިދާހުރި ގިނަ މާއްދާތަކެއް ދޮންކޭލުގައި އެކުލެވިގެންވާކަން ދިރާސާތަކުން ވަނީ ސާބިތު ކޮށްދީފަ އެވެ.

ހަކުރުބަލި ކޮންޓްރޯލް ކޮށްދޭ

ލޭގައި ދައުރުވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް ދޮންކޭލަކީ އެހީ އެކެވެ. އޭގައި ހިމެނޭ ޕެކްޓިން ނަމަކަށް ކިޔާ ފައިބާގެ ބާވަތުންނާއި ސްޓާޗްގެ ސަބަބުން ނާސްތާތަކަށް ފަހު ހަކުރު ކޮންޓްރޯލްކުރުމަށް އެހީވެދެ އެވެ. އަދި ހަމަ އިތުރުން ބަނޑުހައިވުން ކުޑަކޮށްދީ ކެއުމުން ދުރުކޮށްދެ އެވެ.

ހަޖަމު ކުރުން ރަނގަޅު ކޮށްދޭ

ދޮންކޭލުގައި ހިމެނޭ ފައިބާގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމް ފަސޭހަކޮށްދެ އެވެ. އަދި ހަމަ އެހެންމެ ހަޖަމްކުރާ ނިޒާމުގެ ބަލިތަކުން ދުރުކޮށްދޭ މޭވާއެއްގެ ގޮތުގައި ސައިންސްވެރިން ބުނެފައިވެ އެވެ.

ބަރުދަން ލުއިކޮށްދޭ

ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ މީހުންގެ މެދުގައި ދޮންކޭލަކީ ވަރަށް މަގުބޫލް އެއްޗެކެވެ. ފައިބާ އިން މުއްސަނދި އަދި ކެލޮރީސް މަދު ދޮންކެޔޮ ވެފައިވަނީ ގިނަ ޑައިޓީޝަނުންގެ ޑައިޓްގައި ނުހިމަނާ ދޫކޮށް ނުލާ މޭވާ އަކަށެވެ. މީގެ އިތުރުން ވެސް ދޮންކޭލުގެ ސަބަބުން ބަނޑުހައިނުވެ ގިނައިރު ބަހައްޓައިދެ އެވެ.

ހަށިގަނޑުން ވިހަ މާާއްދާތައް ބޭރުކޮށްދޭ

ހަށިގަނޑުގައި ދައުރުވާ ވިހަ މާއްދާތަކުން ރައްކާތެރިވުމަށް ދޮންކެޔޮ އެހީވެދެ އެވެ. މި މާއްދާތަކަކީ ހަށިގަނޑުގައި ގިނަވެ އާލާ ވެއްޖެނަމަ ހިތުގެ ބަލި ފަދަ ނުރައްކާތެރި ދާއިމީ ބަލިތަކަށް މީހާ ހުށައަޅައިދޭ މާއްދާތަކެކެވެ. އެހެންކަމުން ހިތުގެ ބަލި ފަދަ ބަލިތަކުން ދުރުވެ ތިބުމަށް ދޮންކެޔޮ ބޭނުންކުރެވިދާނެ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ

ދޮންކޭލުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެނުވުމާއެކު އެއީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދީ ކިޑްނީގެ ތަފާތު ބަލިތަކުން ދުރުކޮށްދެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަފްތާއަކު 6-5 ދެމެދުގެ އަދަދަކަށް ދޮންކެޔޮ ކާނަމަ ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު 50 ޕަސެންޓަށް ދަށް ކޮށްދެ އެވެ.