ކުރީގެ ސަރުކާރުން ހުޅުމާލޭ ދެ ވަނަ ދިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 85 ޕަސެންޓް މީހުން ފްލެޓް އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ތެރެއިން 5،483 މީހުން އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް މިހާތަނަށް ސޮއިކުރަން ޝެޑިއުލް ކުރެވިއްޖެ، 5،596. އެބައުޅޭ އެހެންވީމަ، 200 އެއްހާ އޯނަރުން ސޮއި ކުރަން ނާންނަ،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު (ވ) ގައި

މީގެ އިތުރުން ސުހައިލް ވިދާޅުވީ ފްލެޓް އެއްބަސްވުމުގައި ސޮއި ނުކުރާ މީހުންނަށް ސޮއި ކުރުމަށް ވަކި މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފްލެޓް ބަދަލު ކުރުމަށް 400 ފަރާތެއް ހުށަހަޅާފައިވާއިރު އެފަރާތްތަކުގެ ސޮއި ކުރުން ލަސްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސުހައިލް ފާހަގަ ކުރެއްވި ގޮތުގައި ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހުން "ވިނަރެސް" ފްލެޓަށް ބަދަލުވުމަށް ނަން ނޯޓު ކޮށްފައިވާ ކަމަށެވެ.

ހިޔާ ފްލެޓަށް މިހާރު ކަރަންޓް ދީފައިވާއިރު ބައެއް ފަރާތްތަކުން މިހާރު ފްލެޓްގައި ދިރިއުޅެން ވަނީ ފަށާފަ އެވެ. އަނެއް ބަޔަކު ފްލެޓްގެ ފިނިޝިން މަސައްކަތް ނިމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.