ލާމަރުކަޒީގޮތުން ރާއްޖެ ތަރައްގީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިކަމަށް އެދިވަޑައިގެންނެވީ ށ.ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ގިނަ ބާރުތަކަކާއި އިޙްތިޔާރުތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި އެ ކަންކަމުގެ ބޭނުން ހިފައި ރަށު ތަރައްގީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު ޅައިމަގުގައި ކައުންސިލު އިދާރާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މިހާރު ކުރިޔަށްދާ އެރަށުގެ ބަނދަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ބަނދަރު އިތުރަށް ބޮޑުކޮށްދިނުމަށް އެދުމާއި، ބަނދަރުގެ ޕްރޮޖެކްޓާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްގީކުރުމާއި ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ފުޅާކުރުމާއި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާއި އަދި މި ނޫންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދިއުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދެވޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސް ވަނީ ކައުންސިލާ ޙިއްޞާކުރައްވާފަ އެވެ. އެގޮތުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކުރިޔަށްދާ މަސައްކަތުގެ ތެރެއިން ޅައިމަގަށްވެސް ފުލުހުންގެ ޚިދުމަތް ލިބިގެންދާނެކަން ފާހަގަކުރައްވައި އެރަށަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ ޅައިމަގު ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޅައިމަގު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި އެރަށުގެ އަންހެންބޭފުޅުންކޮޅަކާއި ބައްދަލުކުރައްވައި ޚިޔާލު ބަދަލުކޮށްލައްވާފަ އެވެ.

ރައީސްގެ ދެކަނބަލުން މިހާރު ށ. ޅައިމަގަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.