އެނާޖީ ޑްރިންސްތަކަކީ މިހާރަކަށް އައިސް ވަރަށް އާއްމު ބުއިމެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އޭގެ މަގްބޫލުކަން ވަކިން ބޮޑެވެ. އެހެން ނަމަވެސް މިއީ ސިއްހަތަށް އެންމެ ފައިދާހުރި ބުއިމެއް ނޫންކަން ޑޮކްޓަރުންނާއި މާހިރުން ބުނެދނީ އެކަމުން ލިބޭ ގެއްލުންތައް ވެސް ފާހަގަ ކުރަމުންނެވެ.
ބަރުދަން އިތުރުވުން
އެނާޖީ ޑްރިންކްސް އާއި ސޮފްޓް ޑްރިންކްސްއަކީ އޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތަކެކެވެ. އެންމެ ކޮކާކޯލާ ދަޅެއްގައި އެކަނިވެސް 8 ސަމުސާ ހަކުރު ހިމެނެ އެވެ. މީގެ އިތުރުން މިފަދަ ބުއިންތަކަކީ ކަރުހިއްކުން ދުރުކޮށްދޭ ބުއިމެއް ނަމަވެސް ބަނޑުހައިކަން ފިލުވައިދޭ ބުއިމެއް ނޫނެވެ. އެހެން ކަމުން ކެއުން ގިނަވެ ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ.
ހަކުރު ބައްޔަށް މަގުފަހިވުން
ހަށިގަނޑުގައި ދައުރުވާ އިންސިއުލިން ހޯމޯންގެ ދައުރަކީ ލޭގައި ދައުރުވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދިނުމެވެ. ގަވާއިދުން އާއްމުކޮށް އެނާޖީ ޑްރިންސް ބޭނުން ކުރާނަމަ މި އިންސިއުލިންގެ ބާރު ދަށްވެ، ލޭގައި ހުންނަ ހަކުރުގެ ކޮންޓްރޯލް ގެއްލެ އެވެ. މިއީ އާއްމު ބަހުންނަމަ ހަކުރު ބަލި ނުވަތަ ޑައިބެޓީސް އެވެ.
ދަތްތަކަށް ގެއްލުންވުން
އެނާޖީ ޑްރިންކްސްއަކީ ފޮސްފަރިކް އަދި ކާބޮނިކް އެސިޑް ގިނަ އަދަދަކަށް އެކުލެވޭ ބުއިމެކެވެ. މި އެސިޑްތަކާއި ހަކުރު އެއްވެ ދަތްތަކުގައި ޖެހުމުން ދަތްތަކުގައި ޖަރާސީމު އާލާވެ އެވެ. އެހެން ކަމުން އެނާޖީ ޑްރިންކްސް ބުއިމަކީ ދިގު މުއްދަތުގައި އަނގައިގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.