މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި ދެ ސިނާއަތަށް ވެސް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ހެނދުނު ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ މާކެޓްކުރުމުގެ ދަތިކަން ކަމަށެވެ. އެ ދަތިކަން ޙައްލުކުރުމާއި ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އެގްރޯނެޓް އެހީތެރިކަން ލިބިގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ކަމަށެވެ. އެކަންކަން ހައްލުކުރުމަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ޚަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފަށާފައި ވުމާއި މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށް މަސްގަތުމާއި ޕޮރޮސަސް ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސްގަންނަ ޕްރައިވެޓް ފަރާތްތަކާވެސް މަޝްވަރާކުރައްވާނެކަމަށާއި މަސްވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މި ހުރިހާ މަސައްކަތްތަކާއެކު މަހުގެ އަގަށް ހެޔޮބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ މަސްވެރިންނާއި ދަނޑުވެރިން ވަނީ އެފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އެރަށުގެ މަސްވެރިންނަށް އައިސް ޕްލާންޓެއް އެރަށުގައި ގާއިމުކުރުމަށް މަސްވެރިން އެދުނެވެ.
ރައީސް ސޯލިހު ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ ފޯކައިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އަދި އެރަށު ފުޓްބޯޅަ ދަނޑަށް ވެސް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވި އެވެ.
ރައީސް ވަނީ ޞިއްޙީ މަރުކަޒުގައި މިހާރުން މިހާރަށް ހައްލުކުރަން ޖެހޭ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމާއި އަންނަ އަހަރު ސިއްހީ މަރުކަޒުގެ އެކްސްޕޭންޝަން އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފަ އެވެ.
ދަނޑުވެރިންނާއި މަސްވެރިންގެ ބައްދަލުކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި ފެނަކައިގެ އައު އިންޖީނުގެ ބައްލަވާލައްވާފަ އެވެ.
ފޯކައިދޫގެ އައު އިންޖީނުގޭގެ މަޝްރޫއަކީ މިހާރު އެރަށަށް ކަރަންޓުގެ ޚިދުމަތްދޭ އިންޖީނުގެއަކީ ސްކޫލާއި ޢާންމުންގެ ގެތަކާއި ކައިރީގައި ހުރިތަނެއްކަމުގައިވާތީ ކުރިމަތިވާ ދަތިތަކަށް ޙައްލުހޯދުމާއި ކަރަންޓްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއެކެވެ. ފޯކައިދޫގެ ބަނދަރަކީ 1200 ފޫޓް 250 ފޫޓުގެ ބޮޑުމިނުގައި ތަރައްގީކުރެވޭ ބަނދަރެކެވެ.
ފޯކައިންދޫން ފުރާވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރުގައި އެވަގުތު އޮތް މަސްދޯންޏަކަށް އަރައިވަޑައިގެން އެ ދޯނީގެ ފަޅުވެރިންނާ ބަދަލުކޮށްލައްވައި މަޝްވަރާކޮށްލައްވާފަ އެވެ.
ރައީސް ދެކަނބަލުން މިހާރު ށ. ފޯކައިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ށ. އަތޮޅުގެ 4 ރަށަކަށާއި، ރ. އަތޮޅުގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ.