ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކާ އެކު ސޮއިކުރުމުގެ މަސައްކަތް ދެން ކުރިޔަށް ދާނީ ހުޅުމާލެ ސެންޓްރަލް މޯލްގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީއިން ބުނީ މީގެ ކުރިން ހިޔާ ފްލެޓްގައި ސޮއިކުރުމަށް ދީފައިވާ ތާރީހުގައި ސޮއިނުކުރާ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުން ދެން އޮންނާނީ ސެންޓްރަލް މޯލްގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.

ކުރިން ހުރަވީ ސްކޫލްގައި ކުރިޔަށް ގެންދިޔަ ހިޔާ ފްލެޓްގެ އެއްބަސްވުންތަކުގެ ސޮއިކުރާ ތަން ބަދަލުވީ، ސޮއި ނުކުރެވި ބާކީ ހުރި އަދަދު މަދުވުމުން ކަމަށް އެޗްޑީސީން ބުނެ އެވެ.

މިހާރު ސޮއިނުކުރެވި ބާކީ ހުރީ، ހައުސިން މިނިސްޓްރީން ހޯލްޑް ކޮށްފައިވާ ފްލެޓްތަކާއި ދެ އެޕާޓްމަންޓް ބަދަލުކުރަން ބޭނުންވާ މީހުންގެ އިތުރުން "ވިނަރެސް"އަށް ބަދަލުވާން އެދިފައިވާ ފަރާތްތަކެވެ.

ސޮއިކޮށް ނިންމަން އެޗްޑީސީން ވަކި މުއްދަތެއް މިހާތަނަށް ކަނޑައަޅާފައި ނުވި ނަމަވެސް، ސޮއިކޮށް ނިންމަން ޖެހޭ ވަކި ތާރީހެއް ކަނޑައެޅުމުން، އެ ދުވަހުގެ ފަހުން ސޮއިނުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މީގެ ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 85 ޕަސެންޓް މީހުން ސޮއިކޮށްފައިވާއިރު 15 ޕަސެންޓް މީހުން ސޮއިކޮށްފައިނުވާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް މިހާތަނަށް ސޮއިކުރަން ޝެޑިއުލް ކުރެވިއްޖެ، 5،596. އެބައުޅޭ އެހެންވީމަ، 200 އެއްހާ އޯނަރުން ސޮއިކުރަން ނާންނަން،" ސުހައިލް ވިދާޅުވި އެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 250 މީހަކު ވިނަރެސް ފްލެޓަށް ބަދަލުވުމަށް ނަންނޯޓު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކަށް މިހާރު ކަރަންޓޫ ދޫކުރެވިފައި ވާތީ، ފްލެޓް ލިބުނު ގިނަ އަދަދެއްގެ ބަޔަކު މިހަރުދަނީ ފްލެޓްތަކަށް ބަދަލުވަމުންނެވެ. މިގޮތުން ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ގިނަ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.