ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ވިދާޅުވެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަންކަން އިސްލާހުކުރުމަށް އެންގުމުން، ރައީސް އޮފީހުން އެކަމަށް ރައްދުދީފި އެވެ.

ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދޭ ގޮތުގެ ނިޒާމުގެ ނަޒާހާތްތެރިކަމާ މެދު އޭސީސީން ސުވާލު އުފެއްދީ ބަދަލު ދިނުމުގެ ކަންކަން ދައުލަތުން ކުރަމުންދާ ގޮތް ބަލައި ދިރާސާކުރުމަށްފަހު ކޮމިޝަނުން ނެރުނު ހުދުކަރުދާސް ރިޕޯޓްގަ އެވެ. އެއީ ދައުލަތާ ގުޅުންހުރި ކަންކަމުގައި ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު އޭސީސީން ނެރޭ ސިލްސިލާ ރިޕޯޓެކެވެ.

އޭސީސީން މިމަހުގެ ދެވަނަ ދުވަހު ނެރުނު ރިޕޯޓު ހާއްސަކޮށްފައިވަނީ "ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން" މިމައުޟޫއުގެ މައްޗަށެވެ.

އޭސީސީއިން ނެރެފައިވާ ރިޕޯޓަށް ރައްދު ދެއްވާ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި ކޮމިޓީއެއް ސަރުކާރުން އުފެއްދި ކަމަށެވެ.

އޭސީސީގެ ރިޕޯޓްގައި ރައީސް އުފެއްދެވި ކޮމިޓީން މައްސަލަ ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ލިޔުމުން އެކުލަވާލާފައި ނެތް ކަން ފާހަގަ ކޮށްފައިވާތީ އެކަމަށް ރައްދު ދެއްވާ ރައީސް އޮފީހުން ބުނީ އެ ކޮމިޓީގެ މަސައްކަތް ކޮށްފައި ވަނީ "ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ކަމަށެވެ.

ކޮމިޓީގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނިމިކް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީގެ ހުށަހެޅޭ މައްސަލައަކާ ގުޅޭ މިނިސްޓްރީއެކެވެ.

އެ ކޮމެޓީން ކޮށްފައިވާ މަސައްކަތް ހިއްސާ ކުރައްވަމުން ރައީސް އޮފީހުން ބުނީ، އެކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާބެހޭ ގޮތުން ވާހަކަ ދެކެވިފައިވާކަމަށެވެ. ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވިފައިވަނީ 19 ފެބްރުއަރީ 2020 ގައިކަމަށާއި، އެ ތާރީޚަށްފަހު، އެ ކޮމިޓީގެ މަސައްކަތްވަނީ ހުއްޓިފައިވާކަމަށްވެސް ރައިސް އޮފީހުން ބުންޏެވެ. އަދި 15 ސެޕްޓެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކޮމިޓީ އުވާލައްވާފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އެހެން ނަމަވެސް އޭގެފަހުން ކޮމިޓީން ބަލަމުން ދިޔަ މައްސަލަތަކުގައި ކަންކުރެއްވި ގޮތެއް ބަޔާނުގައި ބުނެދީފައެއް ނުވެ އެވެ.ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ޙައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ("ނޫމަޑި") އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައެއް ކަމަށެވެ.

ފުރަތަމަ މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައި ނޫމަޑިއާއި ހައުސިން މިނިސްޓްރީއާ ދެމެދު ޖަނަވަރީ 20، 2011 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ މައްސަލަ އެކެވެ. ދެވަނަ މައްސަލަ އަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމަށްޓަކައި ހައުސިން މިނިސްޓްރީއާ ދެމެދު މެއި 30، 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްސަލަ އެކެވެ.

މި މައްސަލަތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނޫމަޑިން ހޯދުމަށް އެދިފައިވަނީ ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރު އަދި އާބިޓްރޭޝަނަށް ހިނގާ އިތުރު ހަރަދުތަކެވެ.

އެހެން ނަމަވެސް މިސަރުކާރުން ކުރި މަސައްކަތުން އެ އަދަދު ކުޑަ ކުރެވިގެން ގޮސްފައިވާ ކަމަށްވެސް އެއޮފީހުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުން ބަދަލުދިނުން ދިފާއުކޮށް ރައީސް އޮފީހުން ބުނީ ނޫމަޑިއަށް ބަދަލު ދޭން ޖެހުނީ ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ރާއްޖެއިން ބޭރުގެ ޤާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައި، ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައި ނުވާތީއާއި މިމައްސަލައާގުޅޭ ގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާތީ ކަމަށެވެ.

"މި މައްސަލާގައި [ނޫމަޑި މައްސަލާގައި] އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތުމުން، ދެބަސްވުންތައް ހައްލުކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް 'ފުލް އަދި ފައިނަލް ސެޓްލްމަންޓުގެ' ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން 25 އޮގަސްޓު 2019 ގައި ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް، އާބިޓްރޭޝަން މަރުހަލާއިން "ކޮންސެންޓް އެވޯޑަކަށް" ދެފަރާތުން އެއްބަސްވެފައިވެ އެވެ." ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާނެކަމަށެވެ. މި މައްސަލަތަކުގައި ޢަމަލުކޮށްފައިވަނީ ޝަރީޢަތުގެ ޢާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާއި އެއްގޮތްވާގޮތުގެމަތިންކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ގާނޫނާ ހިލާފަށް އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ލިޔެކިޔުމުން އެނގެން އޮތް ނަމަ އެފަދަ މައްސަލައެއް ޝަރީއަތުގެ ތިން މަރުހަލާއިން ނިންމުމުގެ ބަދަލުގައި ގާނޫނުއަސާސީގައި 'މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް' ބުނެފައިވާ އުސޫލަށް ބަލައި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ވަޒީފާގެ މައްސަލަތައް ހައްލުކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ވަޒީފާގެ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރަން ފެށުމުން ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވާ ފަރާތްތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ވަނީ ހުށަހަޅަން ފަށާފަ އެވެ. އެފަދަ މައްސަލަތަކުގައި ބައެއް ކަންކަމަށް ރިއާޔަތްކުރުމަށްފަހު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ އަދަދަކީ އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެގޮތަށް ބަދަލުގެ މިންވަރު ކަނޑައަޅާފައިވާނީ ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަލައި މިންގަނޑުތަކާއި އަދި އެއް އަހަރު ދުވަހަކީ އެހެން ވަޒީފާއެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ބަލައިގެން ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުގެ އެ މިންގަނޑަކީ ރާއްޖޭގައި އަމަލުކުރުން އެކަށީގެންވާ މިންގަނޑެއް ކަމަށް ޖުލައި 25، 2019 ގައި ހައިކޯޓުން ވެސް ހުކުމްކޮށްފައިވެ އެވެ.

ސަރުކާރުން އެންމެ ކުރިން ބުނަމުން އަންނަނީ ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުތަކުން އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރުމުން ދައުލަތުން ހުށަހަޅައި، ބަދަލުގެ ގޮތުގައި ދިނުމުގައި އެއްބަސްވެފައިވާ އަދަދުތަކަކީ ޝަރުއީ މަރުހަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއް ކަމަށެވެ.