ޕޭމަންޓް ސިސްޓަމާއި ޚިދުމަތުގެ ބިލުގެ ސަބަބުން ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް އަވަސް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށައިފަ އެވެ. އެ ބިލަކީ ދިވެހި ފައިސާ އާއި ބޭރު ފައިސާ ޓްރާންސްފާ ކުރުމާއި ޕްރޮސެސް ކުރުމާ ގުޅޭ ހުރިހާ ކަންކަން ހިމެނޭ ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރުމަށާއި ޕޭމަންޓް ޚިދުމަތްތަކާއި ސިސްޓަމްތައް ރެގިއުލޭޓް ކުރުމަށް ހުށަހެޅި ބިލެކެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު އިކްރާމް ވިދާޅުވީ އެ ބިލަކީ އޮންލައިންކޮށް ފައިސާ ފޮނުވުން ފަސޭހަކޮށް، މިހާރު ކުރިމަތިވާ ގިނަ ދަތިތަކެއް ހައްލުކޮށްދޭނެ ބިލެއް ކަމަށާއި އޭގެ ސަބަބުން ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް ހަލުވި ވެގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ޚިދުމަތްތައް އަވަސްވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް މުހިންމު ބިލެއް. މި ބިލާ އެކީގައި ވަރަށް ގިނަ ކަންކަން ރެގިއުލޭޓް ވެގެން އެބަދޭ." އިކްރާމް ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ މިހާރު ގާނޫނުތައް ހުންނަ ގޮތުން ވަކި އަދަދަކަށް ވުރެ ގިނައިން ފައިސާ ފޮނުވާ ނަމަ، ޓީޓީ ފޯމެއް ފުރަން ޖެހުމާއި އެކަމަށް ދެ ދުވަހެއްހާ މުއްދަތު ބޭންކްތަކުން ނަގާ ކަމަށެވެ. އޭގެ ސަބަބުން ބައެއް ދަތިތައް ކުރިމަތިވާ ކަމަށާއި އެކަމަކު ޕޭމަންޓް ސިސްޓަމެއް އައުމުން އެކަން ވަރަށް ބޮޑަށް ފަސޭހަވެ، ވަގުތުން ވަގުތަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާވާނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.