އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ތައްޔާރުކުރާ އެންތޮލޮޖީ ސީރީޒް "ޒައްރޫކް" މިމަހުގެ 21 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.

އައި ފިލްމްސްއިން ބުނީ އެންތޮލޮޖީ ސީރީޒް "މަޒްލޫމް"ގެ ދެވަނަ ޗެޕްޓަރު "ޒައްރޫކް" މިމަހުގެ 21 ވަނަ ދުވަހު ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ފިލްމު "ބަވަތި" އަދި "ނީނާ"ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ކުރު ފިލްމެކެވެ.

ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސްއިން މީގެ ކުރިން ވަނީ "ޒައްރޫކް" ޝައުގުވެރި ޓްރެއިލާ ރިލީޒްކޮށްފަ އެވެ. އަދި އެ ޓްރެއިލާއިން ވަނީ ހިފަހައްޓާލަން ޖެހޭ ފަދަ މަންޒަރުތަކެއް ފެނިގެން ގޮސްފަ އެވެ.

"ޒައްރޫކް"ގެ ލީޑު ރޯލުން ފެންނާނީ މާހިލްގެ އިތުރުން ނަތާޝާ ޖަލީލް އަދި އަހުމަދު ޝާރިފް އެވެ.

"ޒައްރޫކް"ގެ ވާހަކަ ލީޑުން ފެންނަ މާހިލް ވެސް ކުޑަގޮތަކަށް ކިޔައި ދީފައިވާއިރު ހަގީގީ "ޒައްރޫކް"އަކީ ކޮބައިކަން މި މަހު 21 ގައި ބަލައިލުމަށް އިންތިޒާރު ކޮށްލާށެވެ.