ޑާކްރެއިން އެންޓަޓެއިންމެންޓުން މިހާރު މަސައްކަތް ކުރަމުންގެންދާ ވެބް ސީރީޒް "ގިރިޓީ ލޯބި"ގެ ދެ ވަނަ ލަވަ "މިހިތުގެ ރާނީ" ނެރެފި އެވެ.

އެ ލަވަ މިހާރު ސައުންޑް ކްލައުޑްގެ އިތުރުން ޔޫޓިއުބް މެދުވެރިކޮށް ވެސް އަޑު އަހާލެވޭނެ އެވެ.

ހިތްގައިމު އަމިއްލަ ރާގަކަށް ސަޅި މިއުޒިކެއް ތައްޔާރުކޮށްފައިވާ "މިހިތުގެ ރާނީ" ލަވަ އަކީ "ދަ ސިލިއޯ" ގެ ލަވައެކެވެ. ލަވައިގެ ލިރިކްސް ލިޔުނީ އަލީ އައިމަން އެވެ.

"ގިރިޓީ ލޯބި" ވެބް ސީރީޒްގެ ފުރަތަމަ ލަވަ "ދީފާ" ވެސް މީގެ ކުރިން ވަނީ ނެރެފަ އެވެ. އެ ލަވަޔަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު "ދީފާ" ލަވައިގެ ޅެމާއި މިއުޒިކް ހަދައި، ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އެވެ.

https://www.youtube.com/watch?v=9_YHSf2XhHY&t=1s

"ގިރިޓީ ލޯބި" ވެބް ސީރީޒަކީ އައިޝަތު ފުއާދު ތައުފީގު އަދި މުހައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ.

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން އިތުރުން މުހައްމަދު މަނިކު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނުތަކެއް ވެސް މި ސީރީޒުން ފެންނާނެ އެވެ.

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރު" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެ އެވެ. އަދި މަސައްކަތް ނުފަށާ ގިނަ ޕްރޮޖެކްޓްތަކެއް ވެސް އެބަހުއްޓެވެ.