ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވާ ތިން ފަނޑިޔާރުގެ އޯޑިއޯ ތަހުލީލު ކޮށްދިނުމަށް އެދި އިދިކޮޅުން ފުލުހުންގެ އިދާރާއަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުށައަޅައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފުލުހުންގެ އިދާރާއަށާއި ޕީޖީއަށް ފޮނުވި ސިޓީގައި ވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކުރެވިފައިވާ ހުކުމަކީ އެ މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ހަރާމް ހުކުމެއްކަމުގައި އެކޯލިޝަނާއި ދިވެހި ރައްޔިތުން ގެންދަނީ ފެށުނީއްސުރެ ބުނަމުން ކަމަށެވެ. އަދި އެގޮތަށް ދިވެހި ރައްޔިތުންނާއި އެ ކޯލިޝަނުން ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯތަކަކުން ވެސް މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރަކު ކަމަށް ބެލެވޭ ފަނޑިޔާރުން ރައީސް ޔާމީންގެ މައްޗަށް ހައްގު ނޫން ހުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ، ރަހީނުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނެފައި ވާތީ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. ހަމައެއާއެކު، ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއް ވެސް ލީކުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސައްހަކަން ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަހުގީގެއް ހިންގަވާ ދެއްވާ އެ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި މިކަމަކީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން ކުރަންޖެހޭ މުހިއްމު ކަމަކަށް ވާތީ މިކަން އަވަސް ކޮށްދިނުމަށާއި، އެ ކޯލިޝަންގެ ވެރިން ޕީޖީއާއި ސީޕީއާއި ބައްދަލުކުރުމަށް ވަގުތުކޮޅެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

ރައީސް ޔާމީނުގެ ޝަރީއތުގައި އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވި ތިން ފަނޑިޔާރެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެން ފުލުހުން ވަނީ އެ ބޭފުޅުންގެ އަޑުގެ ސާމްޕަލް ފުލުހުންވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގައި ނަގާފަ އެވެ. އަދި ސާމްޕަލްތައް ތަހުލީލުކުރުން ފުލުހުން ވަނީ އަމިއްލަ ފަރާތަކާ ހަވާލުކޮށްފަ އެވެ.