އިސްތަށި ފޭބުމަކީ ހިތްދަތި ކަމެކެވެ. ދުވާލެއްގެ މައްޗަށް 100 އިސްތަށި ފޭބުން އެއީ އާދައިގެ ކަމަކަށްވާއިރު، އެއަށްވުރެ ގިނައިން އިސްތަށި ފައިބާ ނަމަ އެއީ ތިބާގެ ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކުރަން ޖެހޭ ކަމުގެ ނިޝާނެކެވެ. އިސްތަށި ފައިބާތީ ފިކުރު ބޮޑުވާނަމަ މިކަން ކަމުގެ އަޖުމަ ބަލާލާށެވެ.
ކެއުމާއި ކަސްރަތު ކުރުން
ކިތަންމެ ރަނގަޅު ޝޭމްޕޫއެއް ބޭނުން ކުރި ނަމަވެސް އިސްތަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމުގައި ނުހިމެނޭ ނަމަ އަދި އެދެވޭ ވަރަށް ކަސްރަތު ނުލިބޭނަމަ އިސްތަށި ފޭބުން ގިނަވާނެ އެވެ. އެހެންކަމުން ޕްރޮޓީން އާއި ދަގަނޑުގެ ބައި އެކުލެވޭ ބާވަތްތައް ކެއުމުގައި ގިނަ ކުރާށެވެ. އަދި ގަވާއިދުން ކަސްރަތުކުރާށެވެ.
އިސްތަށިގަނޑުގެ ކޮޅު ބުރިކުރުން
އިސްތަށިތަކުގެ ކޮޅަކީ އެންމެ ބޮޑަށް ގެއްލުން ލިބޭ ހިސާބެވެ. މިފަދަ އިސްތަށިތައް ގިނަ ވާނަމަ އިސްތަށި ފޭބުން އިތުރުވެ އެވެ. އެހެން ކަމުން ގަަވާއިދުން އިސްތަށިގަނޑުގެ ކޮޅު ބުރިކުރުމަކީ މުހިއްމު ކަމެކެވެ. ގިނަވެގެން ކޮންމެ ތިންމަހަކުން އެއްފަހަރު އިސްތަށިގަނޑުގެ ކޮޅު ބުރިކޮށްލާށެވެ.
ގިނައިން ސްޓައިލް ނުކުރުން
ހޫނު ބޭނުންކޮށްގެން އިސްތަށިގަނޑު ސްޓައިލް ކުރާނަމަ އިސްތަށި ފޭބުމަށް މަގުފަހިވެ އެވެ. އެހެން ކަމުން ބްލޯ ޑްރަޔާސް އާއި ކާލިން އަޔަންތައް ބޭނުންކުރުން މަދުކޮށްލާށެވެ. އަދި ބޭނުންކުރި ނަމަވެސް ހޫނުމިން އެންމެ ދަށްކޮށް ބަހައްޓާށެވެ.
އިސްތަށި ފޭބުމަކީ ކުރިން ވެސް ބުނިހެން އެހާ ހިތަށް ފަސޭހަކަމެއް ނޫނެވެ. އެހެން ކަމުން އިސްތަށި ފޭބުން މަދުކުރަން ދިރިއުޅުމުގެ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.