ތައިރޮއިޑް ބައްޔަކީ އަހަރެމެންގެ ތެރޭގައި އާއްމު ބައްޔަކަށް ވީއިރު މި ބަލިން ދުރުވެ ތިބުމަށްޓަކައި އަހަރެމެންގެ ކެއިން ބުއިމަށް ގެންނަ ބަދަލުތަކެއް އެހީވެދެ އެވެ. ވަކި ބާވަތްތަކެއް ކެއުމުގައި ހިމަނައި ވަކި ބާވަތްތަކަކުން ދުރުވެ ތިބުމުން ހަށިގަނޑުގައި ދައުރުވާ ތައިރޮއިޑް ހޯމޯންތައް ދަށްވެ އެވެ. އެގޮތުން ތިރީގައި މިބަލާލަނީ ތައިރޮއިޑް ހޯމޯން ދަށް ކުރުމަށް ކެއުމުގައި ހިމެނުން މުހިއްމު މޭވާގެ ބާވަތްތަކަށެވެ.
އާފަލު
އާފަލަކީ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާ ކުރުވާ މޭވާއެކެވެ. އާފަލުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތަކުގެ ހިނގުން ރަނގަޅު ކޮށްދޭއިރު އެއީ ހަށިގަނޑުގެ ކޮލެސްޓްރޯލްއާއި ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ މޭވާ އެކެވެ.
އޮރެންޖު
އެންޓި އޮކްސިޑަންޓްސްއާއި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ އޮރެންޖަކީ ތައިރޮއިޑްއަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ ފްރީ ރޭޑިކަލްސް ދަށްކުރާ މޭވާ އެކެވެ. މީގެ އިތުރުން އޮރެންޖުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ ހަށިގަނޑުގެ އާއްމު ސިއްހަތު ވެސް ރަނގަޅު ކޮށްދެ އެވެ.
އަލަނާސި
އަލަނާސިއަކީ ވެސް ތައިރޮއިޑްއަށް ގެއްލުންދޭ ފްރީ ރޭޑިކަލްސް ކޮންޓްރޯލް ކޮށްދޭ މާއްދާ އެކެވެ. ހަމައެއާއެކު އަލަނާސީގައި ހިމެނޭ ވިޓަމިންގެ ބާވަތްތަކަކީ ތައިރޮއިޑްގެ ސަބަބުން ކުރިމަތިވާ އެކި ކަހަލަ އުނދަގޫތަކަށް ލުއި ގެނެސްދޭ މޭވާ އެކެވެ.