މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަ ކަމަށާއި، އެ މައްސަލައަކީ ބައިނަލްއަގުވާމީގޮތުން އެންމެ އިސްކަމެއްދެވޭ މައްސަލައެއްގެ ގޮތުގައި ދެމިއޮތުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އދ.ގެ މައި އިދާރާގައި އިއްޔެ ބޭއްވި އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކްލައިމެޓް މޮމެންޓް" ބައްދަލުކުރެއްވުމަކީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޚާއްސަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުން އޮތީ އދ.ގެ މައި އިދާރާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމާއި، ވިލުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުން ފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށްދިއުމުގައި ހުރި ހުރަސްތައް ފަދަ މައުލޫމާތުތަކުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

އެގޮތުން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ މުހިންމުކަން ކުދި ޖަޒީރާ ޤައުމުތަކުން އެންމެ ފުރަތަމަ ވަކާލާތު ކުރަންފެށިއިރު، އެއީ ހާސިލު ކުރެވިދާނެ ވަރުގެ ލަނޑުދަނޑިއެއްކަން ފާހަގަ ކުރެއްވ ިއެވެ. އެހެންނަމަވެސް ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން މިހާރުވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވުމާއި، ކުރިއަށް އޮތްތާނގައި ދުނިޔެ އިތުރަށް ހޫނުވަމުން ދިއުމުގެ ސަބަބުން 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމުގެ ފުރުސަތު މިހާރު ހަނިވެފައިވާކަމުގައި ރައީސް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ގޮވައިލައްވާފަ އެވެ. މިގޮތުން، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަގުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހު ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޕެރިސް އެގްރިމެންޓް ބިނާވެފައި އޮތީ އަމިއްލައަށް ޒިންމާދާރު ފިޔަވަޅު އަޅަމުން ގެންދިއުމަށް ކަމުގައިވިޔަސް، އެކަން އަމަލުން ނުފެންނަ ކަމަށާއި، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަމާޒާ ގާތަށްވެސް ވާސިލްވެވިފައި ނުވާކަމުގައި ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މިހާރާ އަޅައިބަލާއިރު ހަތަރު ބައިކުޅަ އެއްބަޔަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކަނޑައަޅާފައިވާ ގޮތުގެމަތިން ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ. ކަން މިހެން އޮތް ނަމަވެސް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކްލައިމެޓް ފައިނޭންސްގެ ދެ ބައިކުޅަ އެއްބައި ނަމަވެސް މިހާރުން މިހާރަށް ބޭނުންކުރަން ފަށަންޖެހިފައިވާކަމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވައިލައްވާފައިވާކަން ފާހަގަ ކުރައްވަމުން، މިފަދަ މަޝްރޫއުތަކަކީ އަގުބޮޑު އަދި ނަފާކުޑަ މަޝްރޫއުތަކެއް ކަމަށާއި، އެހެންކަމުން އެފަދަ މަޝްރޫއުތަކަށް ބޭނުންވާ ރައުސުލްމާލު ހަމަޖެއްސުމަކީ ގޮންޖެހުން ބޮޑުކަމެއްކަމުގައި ރައީސް ސޯލިހު ބަޔާން ކުރެއްވި އެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ބައިނަލްއަޤްވާމީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ފައިސާގެ އެހީ ފޯރުކޮށްދޭ މަލްޓިލެޓްރަލް ސިސްޓަމްތަކުގެ ގާބިލުކަން އިތުރުކުރެވިދާނެ ގޮތްތަކުގެ މައްޗަށް ތަފްސީލުކޮށް ރައީސް ބައްލަވައިލެއްވި އެވެ. އަދި އެމަނިކުފާނު ވަނީ، ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމުތަކަށް ގްރީން ކްލައިމެޓް ފަންޑުގެ ތެރެއިން އެހީތެރިވެދޭނެކަމުގެ ޔަގީންކަން، ތަރައްގީވެފައިވާ ގައުމުތަކުން ދިނުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ހަމައެއާއެކު، ޖީ20 ގައުމުތަކުން ފޮސިލް ފިއުލް ސަބްސިޑީއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ކުރިޔަށްއޮތް ކޮޕް-26 ސަމިޓަށް ރަނގަޅު ފާލެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވާހަކަފުޅު ނިންމަވައިލައްވަމުން، ކުދި ގައުމުތަކަށް އެގައުމުތަކުގެ ކްލައިމެޓް ޕްލޭން ތަންފީޒުކުރުމުގައި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާއި މަލްޓިލެޓްރަލް ބޭންކުތައް މެދުވެރިކޮށް އެޑެޕްޓޭޝަންގެ މަޝްރޫއުތަކަށް ބޭނުންވާ މިންވަރަށް ރައުސުލްމާލު ހަރަދުކުޑަކޮށް ހަމަޖެހޭގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.