ޚަރްތޫމް (21 ސެޕްޓެމްބަރު) - 2019 ވަނަ އަހަރު ސޫދާނުގެ އޭރުގެ ރައީސް އުމަރު އަލް ބަޝީރުގެ އިސްތިއުފާއާއެކު ސޫދާނުގައި މިހާރު އޮތް މަދަނީ- އަސްކަރީ ވެރިކަން ވައްޓާލުމަށް ހިންގަން އުޅުނު ބަޣާވާތެއް އެ ގައުމުގެ އަސްކަރިއްޔާއިން ހުއްޓުވައިފި ކަމަށް އިދާރާތަކުން ބުނެފި އެވެ.
މިހާރު އެގައުުމުގައި ވެރިކަން ކުރަމުންދާ ކައުންސިލްގެ މަދަނީ މެމްބަރެއް ކަމަށްވާ މުހައްމަދު އަލް ފަކީ ސުލައިމާން ވިދާޅުވީ ހިންގަން އުޅުނު ބަޣާވާތް ހުއްޓުވައި ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށާއި މިކަމުގައި ތުހުމަތު ކުރެވޭ މީހުންނާ ސުވާލުކުރަމުން އަންނަ ކަމަށެވެ.
2019 ވަނަ ރައީސް ބަޝީރު މަގާމުން ދުރުކުރުމާއެކު ސޫދާން ހިންގަމުން އައީ އަސްކަރިއްޔާއާއި ރައްޔިތުން ގުޅިގެން އުފައްދާފައިވާ ކައުންސިލް އަކުންނެވެ. އެ ގައުމުގައި މިނިވަން އިންތިހާބެއް ބާއްވަން ހަމަޖެހިފައި ވަނީ 2024 ވަނަ އަހަރު އެވެ.
ކަމާ ބެހޭ ފަރާތަކުން މައުލޫމާތު ހިއްސާކުރި ގޮތުގައި ބަޣާވާތުގެ ބައިވެރިން ރާވާފައިވަނީ އޮމްދުރްމަން ސަރަހައްދުގައި ހުންނަ ރޭޑިއޯ ސްޓޭޝަނެއް ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ މި ދަނޑިވަޅުގައި ގައުމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާނެ ކަމަށާއި ބަޣާވާތުގައި ބައިވެރިވި ހުރިހާ ބައިވެރިން ހައްޔަރުކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާ ސުނާއިން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް ރައީސް ބަޝީރަށް ވާގިވެރިވާ ޖަމާއަތްތަކުން ސޫދާނުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާއިރު އެ މަސައްކަތްތައް ވެސް އަސްކަރިއްޔާއިން ވަނީ ނާކާމިޔާބު ކޮށްފަ އެވެ.
ރައީސް ބަޝީރު މަގާމުން ދުރުކުރެެވުނު ފަހުން ސޫދާނުގެ މަޝްރަހު ހަލަބޮލިވެ، އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. -- އަލް އަރަބިއްޔާ