ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ އިން މިގޮތަށް ނިންމާފައިވަނީ، ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު" ގަ އެވެ.

އެ ގަވާއިދުގައިވާ ގޮތުން، މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، މަސައްކަތް ކުރުމަށް ހުއްދަ ހޯދައިގެންނެވެ. އެގޮތުން، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ވޯކްޕާމިޓް ހޯދަން ޖެހެ އެވެ.

ވޯކް ޕާމިޓާއި ނުލާ އުޅަނދު ފަހަރުގައި ބިދޭސީން ގެންގުޅޭނަމަ މަސްވެރިކަން ކުރުމުގައި ގަވާއިދާ ހިލާފްވެފައިވާ ކަމަށް ކަނޑައަޅައި ގެންގުޅޭ ކޮންމެ ބިދޭސީއަކަށް 5،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ އެވެ.

މީގެ އިތުރުންވެސް، ބޮޑެތި ޖުރިމަނާތައް މި ގަވާއިދުގެ ދަށުން ކުރެވޭނެ އެވެ. އެގެ ތެރޭގައި، ދާ އަޅައިގެން މަސްވެރިކަން ކުރުމުން 400،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ބޭނުންކޮށްގެން މަސްވެރިކަން ކުރާނަމަ 100،000 ރުފިޔާއިން ޖުރިމަނާ ކުރެ އެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދު ހަރަކާތްތެރިވާނަމަ 75،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، އެހެން ގައުމެއްގެ ސިޔާދަތީ ބާރުގައި ހިނގާ ސަރަހައްދެއްގައި މަސްވެރި އުޅަނދު ހަރަކާތްތެރިވާނަމަ 150،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ.

މީގެ އިތުރުންވެސް ފީނައިގެން ހުއިފިލަނޑާ ނެގުމާއި، ފީނުމުގެ ހުއްދަނެތި މަސްވެރިކަމުގައި ފީނުމުގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ އެވެ.

ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަސް ހިފުން، ނުވަތަ މަސް މެރުން، ނުވަތަ ފިޔަފާރި ކުރުމުން ވެސް ބޮޑު ޖުރިމަނާ އެއް ކުރެ އެވެ. އެގޮތުން ލައިސަންސެއް ބޭނުންނުވާ ފަރާތެއް ނަމަ، ގިނަވެގެން 5،000 ރުފިޔާ އަދި އެހެނިހެން ފަރާތްތަކުން ގިނަވެގެން 400،000 ރުފިޔާ އިން ޖުރިމަނާ ކުރެވޭނެ އެވެ. މި ޖުރިމަނާ ޖޫރިމަނާކުރާނީ ހިފައިފައިވާ ބާވަތުގެ މާކެޓް އަގުގެ 4 ގުނައަށްވާ މިންވަރަކަށެވެ.