ކުއަލަ ލަމްޕޫރު (28 ސެޕްޓެމްބަރު)- ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާގެ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ މަހު ބޯޑަރު ހުޅުވާލުމަށް ވިސްނާކަމަށް އެ ގައުމުގެ ނެޝަނަލް ރިކަވަރީ ކައުންސިލްގެ ޗެއާމަން މުހުޔިއްދީން ޔާސީންއާ ހަވާލާދީ ދަ ސްޓާ ނޫހުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު މުހްޔިއްދީން ވިދާޅުވީ ފަތުރުވެރިންނަށާއި ވިޔަފާރި ދަތުރުވެރިންނަށް އެ ގައުމު ހުޅުވާލުމުގެ މަޝްވަރާތައް ކުރަން އަންނަ ހަފްތާގައި ކެބިނެޓް ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
މެލޭޝިއާއިން މި މަޝްވަރާތައްކުރަން ނިންމާފައި މިވަނީ ވެކްސިނަށް ޝަރުތު ހަމަވާ މީހުންގެ އާބާދީގެ 90 ޕަސެންޓަށްވުރެ ގިނަ މީހުންނަށް އޮކްޓޯބަރު މަހުގެ ފުރަތަމަ ކޮޅު ވެކްސިން ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން އެ ކައުންސިލަށް އެންގުމުންނެވެ.
ހޯމަ ދުވަހާ ހިސާބަށް ވެކްސިނަށް ޝަރުތު ހަމަވާ އާބާދީގެ 84.4 ޕަސެންޓް މީހުން ވެކްސިނުގެ ދެވަނަ ޑޯޒް ދީފައިވާއިރު، މި ރޭޓުން ކުރިއަށް ދާނަމަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެ އަދަދު 90 ޕަސެންޓަށް އަރާނެ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ލަފާކުރެ އެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީން ކޮވިޑްގެ ހާލަތު މޮނީޓާ ކުރަމުން އައި ގޮތާ މެދު ހިތްހަމަ ޖެހުންފާޅު ކުރައްވަމުން މުހްޔިއްދީން ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރުމުގައި ކާމިޔާބީ ފެންނަ ކަމަށެވެ.
މެލޭޝިއާގެ ބޯޑަރު ހުޅުވުމުގެ މަޝްވަރާތައް ބޮޑުވަޒީރަށް ހުށައެޅި މާލަހެއް ނުވެ އެ ބަދަލުތައް އާއްމުކޮށް އިއުލާން ކުރެވޭނެ ކަމަށް ވެސް މުހްޔިއްދީން ވިދާޅުވި އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް