ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން އެ ފަރާތްތަކުގެ މަޝްވަރާއާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މ. މަޑުއްވަރީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު އާއި މަޑުއްވަރީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކާއެކު އެރަށު ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްލުމުގެ ފުރުސަތު ނުލިބޭތާ އެތައް އަހަރުތަކެއް ވޭތުވެފައިވާކަން ފާހަގަކުރައްވައި، މި ފުރުސަތު ދެއްވީތީ ހާއްސަގޮތެއްގައި ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެކަންކަންކަމުން ދޭހަވަނީ ތަރައްގީގެ ކަންކަމުގައި ބޮޑެތި އާބާދީތަކޭ އެއްގޮތަށް ކުދި އާބާދީތަކަށް ސަރުކާރާ އަދި ރައީސް ދެއްވާ ސަމާލުކަން ކަމުގައި ކައުންސިލަރުން ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި ރައްޔިތުން ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާކަމެއްގެ ގޮތުގައި ފާހަގަކުރީ، ރަށުގައި އެކަށީގެންވާ ރައްކާތެރި ބަނދަރެއް ނެތުމުގެ ދަތިކަމެވެ. އެގޮތުން ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ހުރި ފުރުސަތުތަކާ ، އެރަށުގައި ރައްކާތެރި ބަނދަރެއް ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ބަނދަރާ ގުޅިގެން ރަށަށް ބިން އިތުރުކުރުމާއި ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ އިހްތިސާސް ކަނޑައަޅާފައިވާ ގޮތަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އަދި ކައުންސިލުގެ އިންސާނީ ވަސީލަތުގެ ދަތިކަންފަދަ ރަށާއި ރައްޔިތުންގެ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ބަދަލުތައް ބަނދަރުގެ މަސްރޫއަށް ގެނައުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަސްވަރާކުރައްވައިގެން ގޮތްތަކެއް ނިންމަވާނެކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކުގެ ދައުރު މިހާރު ފުޅާވެފައިވާކަން ފާހަގަކުރައްވައި ތަރައްގީގެ ކަންކަމުގައި ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން އެ ފަރާތްތަކުގެ މަސްވަރާއާއެކުކަން ފާހަގަކުރައްވައި ރަށުގެ ތަރައްގީއަށް ކުރެވޭ އެފަދަ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.