އައްޑޫ ސީޓީ ކައުންސިލްގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުކަން މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސްޓޭޓް މިނިސްޓަ ފޯ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް ސ. ހިތަދޫ، ކައުސަރު، އަބްދުﷲ ސޯދިގު މިއަދު އައްޔަންކުރައްވައިފި ކަމަށެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯދިގަށް ސްޓޭޓް މިނިސްޓަރު މަގާމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

‎ސޯދިގު ވަނީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފަ އެވެ.

‎މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ސޯދިގު ވަނީ އައްޑޫގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފަ އެވެ.