އާބާދީގެ މަދުބަޔަކަށް ލިބޭ އާމްދަނީ ބޮޑުވެފައި އާބާދީގެ ގިނަބަޔަކަށް ލިބޭ އާމްދަނީ ދަށްކަން ފާހަގަވާ ކަމަށާއި މިގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަކީ ބޮލަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 5,000 ރުފިޔާ އަށްވުރެ ދަށުން ލިބޭ މީހުން ކަމަށް މިދިޔަ އަހަރު ހެދި ގޭބިސީއާއި ދިރިއުޅުމުގެ ޚަރަދު ހުރި ގޮތުގެ ސާވޭއިން ދައްކައިފި އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީސީ) އިން ހެދި އެ ސާވޭއިން ދައްކާ ގޮތުން ބޮލަކަށް އެވްރެޖްކޮށް މަހަކު 20,000 ރުފިޔާ އަށްވުރެ މަތިން ލިބެނީ ހަމައެކަނި އާބާދީގެ އެއް ޕަސެންޓް މީހުންނަށެވެ.

އެ ސާވޭއިން ދައްކާ ގޮތުން މުޅިރާއްޖޭގެ އާބާދީއަށް ބަލާއިރު މަހެއްގެ މައްޗަށް ބޮލަކަށް ޖެހޭ އާމްދަނީ އަކީ 5,538ރ. އެވެ.

އެގޮތުން މާލޭގައި މީހަކަށް 7,479 ރުފިޔާ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭއިރު އަތޮޅުތަކުގައި ބޮލަކަށް ޖެހޭ އާމްދަނީއަކީ 3,762 ރުފިޔާ އެވެ. އެހެން ގޮތަކަށް ބުނާނަމަ މާލެއާއި އަޅާބަލާއިރު އަތޮޅުތަކުގައި ދިރިއުޅޭ އާބާދީގެ ބޮލަކަށް ޖެހޭ ވަރު 3,717 ރުފިޔާ މަދެވެ.

މީޑިއަން އާމްދަނީގެ 50 އިން ދަށުގައި ދިރިއުޅޭ އާބާދީ:

އެ ސާވޭއިން ދައްކާ ގޮތުން އާބާދީގެ 17 ޕަސެންޓް މީހުންނަކީ އާމްދަނީގެ މީޑިއަންގެ 50 ޕަސެންޓުން ދަށުގައި އުޅޭ މީހުންނެވެ. މި މިންގަނޑުން ދައްކައިދެނީ އާމްދަނީގެ ފަރަގު އެގައުމެއްގައި ހުރި މިންވަރެވެ.

މީޑިއަން އާމްދަނީ:

މަހެއްގެ މައްޗަށް ބޮލަކަށް ޖެހޭ އާމްދަނީގެ މީޑިއަން އަކީ 4,471 ރުފިޔާއެވެ. މާލޭގައި ނަމަ މިއީ މަހެއްގެ މައްޗަށް މީހަކަށް 6,250 ރުފިޔާ އަދި އަތޮޅުތަކުގައި މީޑިއަން އާމްދަނީގެ ގޮތުގައި ބޮލަކަށް ޖެހެނީ 3,200 ރުފިޔާ އެވެ.

ބޮލްކަށްޖެހޭ މީޑިއަން އާމްދަނީއަކީ މި އާމްދަނީ އަށްބަލާ ކުޑައިން ބޮޑަށް ތަރުތީބުކޮށް އަތުރާލުމަށްފަހު އަންނަ މެދު އަދަދެވެ.

މީޑިއަން އާމްދަނީއަށް ބަލާ އެއާމްދަނީގެ 50 ޕަސެންޓުން ދަށުގައި ދިރިއުޅެމުން ގެންދަނީ ރާއްޖޭގެ އާބާދީގެ 17 އިންސައްތަ މީހުންނެވެ. މިފަރަގު މާލެއަށް ވުރެ ފަސް ޕަސެންޓް އަތޮޅުތެރޭގަައި 29 ޕަސެންޓް ބޮޑުކަން ފާހަގަކުރެވެ އެވެ.

އާމްދަނީގެ މައިގަނޑު ބާވަތްތައް:

އަތޮޅުތަކާއި މާލެއަށް ބަލާލިކަމުގައި ވިޔަސް އާމްދަނީ ލިބޭ މައިގަނޑު ގޮތަކީ މުސާރައާއި އުޖޫރައިންނެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި މާލެއާއި އަތޮޅުތަކަށް ބަލާލިއިރު އާމްދަނީ ލިބޭ މައިގަނޑު ގޮތަކީ މުސާރައާއި އުޖޫރައިންނެވެ. ނަމަވެސް މި ނިސްބަތް މާލޭގައި ބޮޑެވެ.

އެންބީސީގެ ސާވޭއިން ދައްކާ ގޮތުގައި މާލެއާއި އަތޮޅުތަކަށް ބަލާލިކަމުގައި ވިޔަސް އާމްދަނީ ލިބޭ މައިގަނޑު ގޮތަކީ މުސާރައާއި އުޖޫރައިންނެވެ. ނަމަވެސް މިނިސްބަތް މާލޭގައި ބޮޑެވެ. އެއީ މާލޭގައި 67 ޕަސެންޓް އަދި އަތޮޅުތަކުގައި 58 ޕަސެންޓެވެ. އަތޮޅުތަކުގައި ދެވަނައަށް އެންމެ ގިނަ އާމްދަނީ ލިބޭ ގޮތަކީ އަމިއްލަ ވިޔަފާރި/ ބިޒްނަސްތަކުންނެވެ. އެކަމަކު އެއީ 19 ޕަސެންޓެވެ.

އެ ސާވޭއިން ދައްކާ ގޮތުން ގާތްގަނޑަކަށް އެއްވަރެއްގައި އެހީގޮތުގައި ލިބޭ އާމްދަނީ ހިމެނެ އެވެ. ނަމަވެސް މާލޭގައި ދެވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބޭ ގޮތަކީ ކުލި ފަދަ މުދާވެރިކަމުން ލިބޭ އާމްދަނީންނެވެ. އެއީ 14 ޕަސެންޓެވެ. އަތޮޅުތަކުގައި މި ކެޓަގަރީން އާމްދަނީ ލިބެނީ އެންމެ ހަތަރު ޕަސެންޓަށެވެ.