ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން އަންނަ ބީދައިން ވާހަކަ ދެއްކުމާއި ގުޅިގެން، އެފަދައިން އެހެން ނުކުރުމަށް ފުލުހުން އަންގައިފި އެވެ.

ފުލުހުން ބުނީ، ވަކި ބާވަތެއްގެ މައްސަލައެއްގައި، ހިމެނޭ ކޮންމެ މީހަކަށް ނުކުޅޭދެ މީހެއް ކަމަށް ކަނޑައަޅައި ވާހަކަ ދެއްކުމަކީ ފުލުހުންގެ ކުރާކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ފުލުހުން ބެލި މައްސަލައެއްގައި ހިމެނުނު މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފާހަގަ ކުރުމުން، އެފަދަ ހުރިހާ މައްސަލައެއްގައި ވެސް ފުލުހުން އަމަލު ކުރަނީ އެފަދައިން ކަމަށް ދޭހަވާ ފަދައިން ގިނަ ނޫސްވެރިން ސުވާލު އުފައްދާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެފަދައިން އަމާޒުވާ ސުވާލުތަކާއި ޝުއޫރުތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން އަންނަފަދަ ކަމެއްކަން ފާހަގަކޮށް ފުލުހުން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ ހުރިހާ ރައްކާތެރިކަމާއި، ހިމާޔަތަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އިއްޔެ މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ގޭޓަށް ކުޑަކަމުދިޔަ މައްސަލައަކާ ގުޅިގެން އޭނާއަށް ފުލުހުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

މިގޮތުން ފުލުހުން ވަނީ ދީނަށް އިހްތިރާމް ކުޑަކޮށް މީހަކު އަމަލެއް ކޮށްފިނަމަ އެ މީހަކީ އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާނެ ކަމެއް ކަަމަށް ބުނެފަ އެވެ. މިފަދައިން ބުނުމުން އާންމުންގެ ބަޔަކާއި ބައެއް ނޫސްވެރިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތް ގެއްލޭފަދައިން ފުލުހުންނާ ވާހަކަދައްކާފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.