އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރާ ފިލްމު "މަޒުލޫމް"ގެ ތިންވަނަ ބައިގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އައި ފިލްމްސްއިން ބުނީ އެންތޮލޮޖީ ސީރީޒް "މަޒްލޫމް"ގެ ތިން ވަނަ ޗެޕްޓަރު އަކީ "މިންޖު" ކަމަށެވެ. މިހާރު އައި ފިލްމްސްއިން ވަނީ މިޗެޕްޓަރުގެ ޕޯސްޓަރު އާންމުންނަށް ދައްކާލާފަ އެވެ.

މިޗެޕްޓަރުގައި ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެޥޭ މަޝްހޫރު އެކްޓަރު ރަވީ ފާރޫގް އެވެ. އަދި ރަވީއާއެކު ދެން ފެނިގެންދާނީ އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތާތި އާދަމް އާއި ޗައިލްޑް އާޓިސްޓް ޒުވެއިލް އަލީ ތޯރިގް އެވެ.

މިޗެޕްޓާ ވެސް ޑައިރެކްޓް ކޮށްފައިވަނީ މީގެ ކުރީގެ ދެ ބައިވެސް ޑައިރެކްޓް ކޮށްފައިވާ އިލްޔާސް ވަހީދު (އިއްލެ) އެވެ.

"މިންޖު"ގެ ޝޫޓިން ނިމިފައިވާއިރު މިފަހަރު ވެސް މިބައި ދެއްކުމަށް ހަމަޖެހިފައިވަނީ ބައިސްކޯފް އެޕުންނެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ދައްކާ "މަޒްލޫމް"އަކީ ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް ގުޅިގެން، މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ކުރު ފިލްމެކެވެ.

މަޒްލޫމްގެ ފުރަތަމަ ބައިން ދައްކުވައިދިނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ "ޒައްރޫކް" އިން ދައްކުވައި ދީފައިވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކަ އެވެ. މި ދެ ބަޔަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިފައިވެ އެވެ.