ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗް، އަލިމަސް ކާނިވަލުގައި ބޮޑު ސްކްރީނުން ދައްކަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ އިސްނެގުމާއެކު، މިއަދުގެ މެޗު އަލިމަސް ކާނިވަލުގައި ދައްކަނީ އުރީދޫއާއި ގުޅިގެން ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ވަނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އުރީދޫއާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް 2021 ގައި، މިއަދު ހަވީރު ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލްގައި ބޮޑު ސްރީނުން ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދުގެ މެޗް ބައްލަވައިލެއްވުމަށް ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވަނީ މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާފަ އެވެ.

އޭގެ އިތުރުން މެޗަކަށް ފަހު މެޗެއް ބެލުމަށް ގިނަ ދިވެހިން ފޯރި ނަގަމުން ގެންދާއިރު، މެޗުގެ ޓިކެޓުތައް ވެސް ވަނީ ވިކި ހުސްވެފަ އެވެ. ގިނަ ބަޔަކު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ސަޕޯޓުކުރުމަށް ޓިކެޓު ހުސްވުމާ ގުޅިގެން "މަގޭ ޓިކެޓް" ގެ ނަމުން ވަނީ އެފްއޭއެމް ކައިރީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ގަލޮޅު ދަނޑުން ބަލައިލުމަށް ގިނަ ބަޔަކު ބޭނުންވެގައިވާއިރު، މިކަމުގައި ދިމާވެފައިވާ ދަތިތަކަށް ކުރިއަށް އޮތް މެޗުތަކުގައި ހައްލެއް ހޯއްދައިދެއްވާނެކަމަށް މިނިސްޓަ އޮފް ޔޫތް ސްޕޯޓްސް ކޮމިއުނިޓީ އެންޑް އެމްޕަވާމެންޓް އަހުމަދު މަހުލޫފް ވިދާޅުވެފައިވެ އެވެ.