ތޫނު އެއްޗަކުން ހަމަލާދީ އަހްސަން ބަޝީރު މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރުމަށާއި އެކަމުގައި އެހީތެރިވި މއ.ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ސ.ހިތަދޫ، ވަރުދީގޭ އަހުސަން މަރާލާފައި ވަނީ 2011 ވަނަ އަހަރު މާޗް މަހުގެ 16 ވަނަ ދުވަހުގެ މެންދަމު 3:20 ހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި ހުއްޓަ އެވެ.
އަހުސަން މަރާލި މައްސަލާގައި ދައުލަތުން ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފްތާގައި އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް (ޑައިންގ ޑިކްލަރޭޝަން) އަށް ބިނާކޮށްގެން ނެވެ.
މިއީ މަރުގެ މަތީގައި އޮވެގެން ބުނި ބަހަށް ރިއާޔަތްކޮށް، ރާއްޖޭގައި މަރުގެ މައްސަލައެއް ފުރަތަމަ ފަހަރަށް ސާބިތުވި މައްސަލަ އެވެ.
މިއަދު ބޭއްވި ހައިކޯޓުގައި އަދަބު ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ އަހުސަން މަރާލިކަން އެއްވެސް ސައްކެއް ނެތް މިންވަރަށް ޝަހުމްގެ މައްޗަށް ސާބިތުވާތީ ކަމަށެވެ. އަދި ހުރިހާ ވާރިސުން ވެސް ބޭނުންވަނީ ޝަހުމަށް މަރުގެ ހުކުމްކުރަން ކަމަށްވާއިރު އިސްލާމީ ޝަރީއަތުގެ ދަށުންވެސް ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށްވާތީ އޭނާ މެރުމަށް ހުކުމްކުރާ ކަމަށެވެ. އެ ހުކުމް އިއްވާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުންނެވެ.
މި މައްސަލައިގައި ދެން ޝާމިލުވެފައިވާ ޝިމާޒްގެ މައްޗަށް ދައުވާކުރީ އަހުސަނަށް ވަޅިން ހަމަލާ ދިނުމަށް ޝަހުމް ގޮވައިގެން އެ ސަރަހައްދަށް އައުމާއި އަދި އެ ހަމަލާއަށް ފަހު ސައިކަލެއްގައި ޝަހުމް ގޮވައިގެން އެ ސަރަހައްދުން ގޮސްފައިވާތީ އެވެ. އޭނަގެ މައްޗަށް ކުރަނީ މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވިގޮތުގައި ޝިމާޒްގެ މައްޗަށް ވެސް ކަނޑައެޅޭނީ މަރުގެ އަދަބު ކަމަށް ދައުލަތުން ބުންޏަސް، އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުގެ ތެރެއިން އޭނާއަށް މަރުގެ އަދަބު ދެވޭނެ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވެއެވެ. ފަނޑިޔާރު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވަނީ އެ ކުށުގައި މެދު މިންވަރަކަށް ބައިވެރިވިކަން ކަމަށާއި އޭނާއަށް ދޭންޖެހޭނީ ޤާނޫނުލް އުގޫބާތުގެ ދަށުން މީހަކު މެރުމުގައި އެހީތެރިވުމުގެ އަދަބު ކަމަށެވެ.
ގާނޫނުލް އުގޫބާތު އޮތްގޮތުން ޝިމާޒްގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބެއްގެ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް، ކުށްކޮށްފައިވާ ގޮތާއި މީހަކު މެރުމުގައި ބައިވެރިވުމާއި އެ ހަމަލާއަށް ފަހު ފިލައިގެން އުޅެފައިވާތީ އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ކަމަށްވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. ފަނޑިޔާރު ވިދާޅުވީ އެގޮތަށް އަދަބު މަތި ކުރުމަށް ފަހު އެ ކުށަށް ގާނޫނުގައި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އޮންނަ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ޝަހުމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިއިރު، މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އެ ހުކުމް ޝަހުމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.
ފާހަގަކުރެވޭގޮތުގައި ޝަހުމަކީ މަރުގެ މައްސަލައެއްގައި މިހާރު ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހެކެވެ. ޝަހުމް މިހާރު ޖަލު ހުކުމްގައި ހުރީ 2010 ވަނަ އަހަރު ޔޫތު ސެންޓަރު ކައިރީގައި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރުވި މައްސަލާގަ އެވެ.